ޖަލުގައި ތިބި ނޫސްވެރިން ވަގުތުން މިނިވަންކުރަން ޝާހިދު ގޮވާލައްވައިފި

ޖަލުގައި ތިބި ނޫސްވެރިން ވަގުތުން މިނިވަންކުރަން ޝާހިދު ގޮވާލައްވައިފި

މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އެކަހެރި ގޮޅިއެއްގައި ބަންދުކޮށް، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދެކޮޅު ހަދަމުންދާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.

"އޭނާގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން. އެއްވެސް ލަސްކުރުމެއް ނެތި އޭނާއަށް ބޭނުންވާ ކުއްލި ސިއްހީ ފަރުވާ ކަށަވަރުކޮށްދޭންޖެހޭނެ،" ޝާހިދު ލިޔުއްވާފައިވެއެވެ.

ނޫސްވެރިޔާ ލީވާންގެ ސިއްހީ ހާލަތު ދަށްވަމުންދާއިރު، އޭނާގެ ހަންގަނޑަށް ދިމާވެފައިވާ ބައްޔެއް އިތުރަށް ގޯސްވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ސާފުތާހިރުކަން ކުޑަ ތަނެއްގައި ބިންމަތީގައި ނިދަން މަޖުބޫރުކޮށްފައިވާ ލީވާންއަށް، އާއިލާއިން ފޮނުވާ ބޭހާއި ތަކެތި ފޯރުކޮށްދިނުމަށް ޖަލު ބަލަހައްޓާ ފަރާތްތަކުން ވަނީ ހުރަސް އަޅާފައެވެ.

ލީވާން 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒު އިބްރާހިމަށް އަމާޒުވަމުންދިޔަ ފާޑުކިއުންތަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ބެހޭގޮތުން ރިޕޯޓުކޮށް، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެއެވެ. ހަމަ އެ ދުވަހު "އަދަދު" ނޫހުގެ އަނެއް ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ވަނީ 15 ދުވަހަށް ޖަލަށްލާފައެވެ. ޝަހުޒާންގެ މައްޗަށް މި ހުކުމް އައީ މެއި 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒުއާ ސުވާލުކޮށް ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެއެވެ.

މިއީ ރާއްޖޭގެ މިހާރުގެ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން، ނޫސް ރިޕޯޓެއް ލިޔެގެން ނުވަތަ ސުވާލެއް ކޮށްގެން ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ޖަލަށްލީ ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކާއި އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *