ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް، ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންނެވި ނިންމެވުުގައި އޮތީ ހުސް އަމިއްލަ އެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ތިން ރައީސުން އެކިގައި މަސައްކަތް ކުރެއްވުމަށް ސޮއި ކުރެއްވި އެއްބަސްވުން ޓްވީޓް ކުރައްވައި ފަލާހު ވަނީ އެ ތިން ބޭފުޅުންނަށާއި، އެބޭފުޅުންގެ ވެރިކަމުގައި ހިނގަވާފައިހުރި ބައެއް ގޯސް ކަންތައްތައް ހާމަ ކުރައްވައިފައެވެ.
ތިން ބޭފުޅުން އެކުގައި މަސައްކަތްކުރަން އެއްބަސްވެ ވަޑައިގެންނެވުމަށްފަހު، ރޭ ބޭއްވި ނިއުސް ކޮންފަރެންސާބެހޭ ގޮތުން ފަލާހު ވިދާޅުވީ އެ ނިއުސް ކޮންފަރެންސްގައި އެ ބޭބޭފުޅުންގެ ވެރިކަންތަކުގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ކުރި ސުވާލު ތަކަށްވެސް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި އެ ނިއުސްކޮންފަރެންސްގައި ނޫސްވެރިން ސުވާލު ކުރަންޖެހުނީ އެ ބޭފުޅުން އެދޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ތިން ބެފުޅުން އެއްބަސްވެ ވަޑައިގެންނެވި ލިއުމުގައި، ޝަރުއީ ދާއިރާ އާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި ކަމަަށްވެސް ފަލާހު ވިދާޅުވިއެވެ.
"ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. އަންނި ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކޯޓު ތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންގެ ވެރިކަމުގައި ވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރުދައްކާފައި. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރު ކުރި. ނޫސްވެރިންގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި ދެ ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ފޯޅަވަހި ދޫކޮށްލި،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެކަންކަމަކީ ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގަތުމުން ކަން ކުރެއްވި ގޮތް ކަމަށެވެ. އެހެންކަމުން އެބޭފުޅުންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ، ފަލާހު ވަނީ ސުވާކު ކުރައްވައުފައެވެ.





