ގައުމު ހަމަ މަގަށް އެޅުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ބައްދަލުކުރައްވައިފަ އެވެ. މިއީ މި ތިން ރައީސުން އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
ނޫސްވެރިންނާ ވެސް ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށެވެ.
އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށް ލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައެއް އުފުލި، ސަރުކާރުގެ އިސްރާގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ލިޔުމުގައިވެ އެވެ.
އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދި، ރައްޔިތުންގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑިފައިވާ ކަމަށެވެ.
”އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދިޔުމާ އެކު ގައުމު ހަމަ މަގަށް އެޅުވުމަށް ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ،“ އެއްބަސްވުމުގައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.





