ލައިވް ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރެވޭގޮތަށް، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވި މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުދިން 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތްދިނުމަށް ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ހަދަން ޖެހޭނެކަމަށް ވަނީ ބަޔާން ކޮށްފައެވެ.
ބިލުގައިވާ ގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް އޯގަން ޑޯނާ ޓްރާންސްޕްލާންޓު ކުރުމަށެވެ. ހަދިޔާ ކުރެވޭނީ އެއް ވައްތަރެއްގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި، އެ ގުނަވަނުން ބައެއް ނެގި ނަމަވެސް، ރީޖެނެރޭޓް ވާ ގުނަވަންތައް ކަމަށެވެ. ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ވެސް ހުންނަން ޖެހެއެވެ. އެއީ ދިވެއްސަކަށް ވުން، 18 އަހަރު ވެފައިވުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރުން އަދި ބުއްދި ސަލާމަތުން ހުރުމެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ހުކުމެއްގައި ތިބޭ ފަރާތްތަކުގެ ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، އެ ހިދުމަތަށް ހާއްސަ ކައުންސިލަކާއި ކޮމިޓީއެއް ވެސް އުފައްދަން ޖެހެއެވެ. "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލު"ގެ ނަމުގައި އުފައްދާ ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ހިދުމަތްދިނުމަށް ހުއްދަދިނުމާއި ހުއްދަ ބާތިލުކުރުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތްކުރަމުންދޭތޯ ބެލުމެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލާނީ ވެސް އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"ގެ މަސްއޫލިއްޔަތުތަކަކީ، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމެވެ. އެ ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ގާއިމުކޮށްފައިވާ "ކުލިނިކަލް ކޮމިޓީ" އާއި "އެތިކްސް ކޮމިޓީ" އިން ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަދިނުމަށް ވަކި އިޖުރާތްތަކެއް ފުރިހަމަކުރަން ޖެހެއެވެ.
އެ ބިލުގެ ދަށުން ރުހުން ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުން އަދި ގުނަވަނުގެ ވިޔަފާރިކުރުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން އެ ކުށްތައް ކޮށްފި ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އެ ޖޫރިމަނާތަކާއެކު، ބައެއް ކުށްތަކުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ.





