MAJLIS

ޕީއެންސީން ނާޒިމަށް ކުރާ ތުހުމަތު: ނާޖާއިޒު ފައިދާ ނަގައި، މަސްލަހަތު ނަގާލުން

ޕީއެންސީން ނާޒިމަށް ކުރާ ތުހުމަތު: ނާޖާއިޒު ފައިދާ ނަގައި، މަސްލަހަތު ނަގާލުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅި ގަރާރުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުމުގެ ތުހުމަތު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމު ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިބުގެ އިތުބާރުނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދިއުމާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރު ޕީއެންސީން މިއަދު ވަނީ މަޖިލީހަށް ވައްދައިފައެވެ. އެކަމާ ގުޅިގެން މަޖިލީހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ.

އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރިނުވެވޭނެއެވެ.

ގަވާއިދުގައިވާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ގަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. މި ގަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ގަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވާނެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދޫނުން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅާނެއެވެ.

މިފަދަ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިދުބުނެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން އެ ބޭފުޅަކު ވަކިވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *