ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނަށް (ސީއެސްސީ)ގެ ދަށަށް ބަދަލުކޮށް އެ އޮތޯރިޓީއަށް މުވައްޒަފުން ނެގުމުގެ ބާރުވެސް ސީއެސްސީއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅުއްވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި މި ބިލުގައި ވަނީ ގާނޫނުގެ އެ މާއްދާ އުނިކުރަން ހުށަހަޅައިފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެެރއިން 59 ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
ލާމަރުކަޒީ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަނީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީސީއޯ)ގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވާ ކަމަށެވެ.
މި ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ.
އެހެންކަމުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހިމަނަން ގާނޫނަށް މާއްދާ އެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ. ބިލުގެ 3-61 ގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ މި މާއްދާގައި ބުނެފައިވަނީ، އެލްޖީއޭއަށް ބޭނުންވާ މުވައްޒިފުން އައްޔަންކޮށް ވަކި ކުރާނީ ސީއީއޯގެ ލަފާގެ މަތިން ސީއެސްސީއިން ކަމަށެވެ.
މުވައްޒަފުން އައްޔަންކޮށް ވަކި ކުރުމާއި، މުވައްޒިފުންނާގުޅޭ އެނޫންވެސް ކަންކަމުގައި ސީއެސްސީގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ސީއީއޯކަމަށްވެސް ބުނެފައިވެއެވެ.
އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކާއި، އެ މަގާމުތަކުގެ ގިންތި އާއި ޝަރުތުތައް އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ، މުވައްޒިފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި އެ އޮނިގަނޑު އެކުލަވާލާނީ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން ސީއީއޯ ކަމަށާއި، އެ އޮނިގަނޑު ސީއެސްސީއަށް ހުށަހަޅައި ފާސްކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އޮނިގަނޑުގައި ކަނޑއަޅާ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބުނެފައިވެއެވެ.
ސީއެސްސީން އެ އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަންވާނެ ކަމަށާއި، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން ކަނޑައަޅާތާ ގިނަވެގެން 60 ދުވަގުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.





