ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ވަރލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަދި ޝައުކަތު ޚާނަމް ހޮސްޕިޓަލްގެ ބާނީ އިމްރާން ޚާންގެ އެއްލޮލުގެ ފެނުން މުޅިން ގެއްލިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ޕީޓީއައިގެ ސެކްރެޓަރީ ޖެނެރަލް ސަލްމާން އަކްރަމް ރާޖާ ވަނީ ވިދާޅުވެފައެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މި ވާހަކަ ދެކެވޭން ފެށީ 13 މޭ 2026 ގައި އިސްލާމް އާބާދުގެ ސުޕްރީމް ކޯޓުން ބޭރުގައި ސަލްމާން އަކްރަމް ރާޖާ ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އަދިއާލާ ޖަލުގައި އިމްރާން ޚާން ބަންދުކޮށްފައި ހުރި 1،000 އެއްހާ ދުވަހުގެ ތެރޭގައި ލިބުނު އަނިޔާތަކާއި، ބޭސްފަރުވާއަށް އިހުމާލުވުމުގެ ސަބަބުން އެމަނިކުފާނުގެ އެއްލޮލުގެ ފެނުން ވަނީ "ގެއްލިފައެވެ".
މި މައްސަލައިގައި ބޭސްވެރިކަމުގެ ނަޒަރަކުން ބަލާއިރު ފާހަގަކުރެވޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އިމްރާން ޚާންގެ ކަނާތްލޮލަށް ޖެހިފައިވަނީ 'ސެންޓްރަލް ރެޓިނަލް ވޭން އޮކްލޫޝަން' އެވެ. މިއީ ލޮލުގެ ރެޓިނާއިން ލޭ ބޭރުކޮށްދޭ މައި ނާރު ބެދުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ.
2026 ފެބްރުއަރީ މަހު ކޯޓަށް ހުށަހެޅި މެޑިކަލް ރިޕޯޓެއްގައިވާ ގޮތުން އެމަނިކުފާނުގެ ކަނާތްލޮލަށް ފެންނަނީ އެންމެ 15 އިންސައްތައެވެ. އޭޕްރީލް 2026 އާ ހަމައަށް އެމަނިކުފާނު ވަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އިން ލޮލަށް ޖަހާ ހާއްސަ ހަތަރު އިންޖެކްޝަނެއް ޖައްސަވާފައެވެ.
މި މައްސަލައިގައި ސިޔާސީ ގޮތުން ދެބަސްވުން ތަކެއް އެބަހުއްޓެވެ. ޕީޓީއައި އިން ބުނަނީ މިއީ ޖަލުގައި ދިން އަނިޔާގެ ނަތީޖާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިއީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި، ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލައެއް ކަމަށެވެ. އަދި ފަރުވާއަށްފަހު ފެނުން ރަނގަޅުވަމުންދާ ކަމަށް ސަރުކާރުގެ މެޑިކަލް ބޯޑުން ބުނެއެވެ.





