އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރެއްވި އަށް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ނިންމަވައިފިއެވެ.
އަލީ ހުސައިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ އަލީގައި މިހާރު މަޖިލީހުގައި ތިއްބެވި އަށް މެންބަރެއްގެ ގޮނޑި ގާނޫނީ ގޮތުން ގެއްލިފައިވާ ކަމަށާއި، އެކަން ކަށަވަރުކުރުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ގޮނޑީގެ މައްސަލަ ކުރިމަތިވެފައިވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒާއި، ކުރެންދޫ ދާއިރާގެ މުހައްމަދު ޝާމިން ހަބީބާއި، ނައިފަރު ދާއިރާގެ ޔާސިން އަބްދުﷲ އާއި، ވިލިނގިލި ދާއިރާގެ އާޒިމް އަބްދުލްއަޒީޒާއި، މައްޗަންގޮޅު މެދު ދާއިރާގެ އަހުމަދު ޒަމީރާއި، ނޮޅިވަރަމް ދާއިރާގެ މުހައްމަދު ރަޝީދާއި، ހުރާ ދާއިރާގެ އަނާރާ ނައީމާއި، ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަލްސަން އަހުމަދެވެ.
މި މައްސަލަ ކޯޓަށް ގެންދަން ނިންމީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ މައްސަލައިގައި އަލީ ހުސައިން އެދިވަޑައިގެންފައިވަނީ 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ އިސްލާހު ތަސްދީގުކުރި ދުވަހުން ފެށިގެން މިހާރުގެ މެންބަރުންގެ މައްޗަށް ވެސް ހިނގާނެ ކަމަށާއި، އެގޮތަށް ތަންފީޒުކުރުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމަށެވެ.





