ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތީ މަރުވެފައި ކަމަށާއި، އަލުން އެ ޕާޓީ ދިރުވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ޕާޓީ ހަވާލުކޮށްގެން ކަމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ދެއްކެވި ވާހަކަތަކަށް ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝިފާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ، އެއީ ސިޔާސީ ޕާޓީއެއް ކަމުގައި ވިޔަސް، ސުކޫލެއް ނުވަތަ އާއިލާއެއް ކަމުގައި ވިޔަސް، ލީޑަޝިޕް ނުވަތަ އިސްވެރިންގެ ޒިންމާއަކީ އެހެން މީހުން ބާރުވެރި ކުރުވުން ކަމަށެވެ. އަދި ވަކި މީހަކަށް ބަރޯސާވުން އުފެއްދުމަކީ ލީޑަޝިޕްގެ މަގުސަދެއް ނޫން ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
"ވަކި ލީޑަރަކާ ނުލައި މުއައްސަސާއެއް ނުހިންގޭނެ ކަމަށް މީހުން ބުނާ ބުނުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުފާކުރަންޖެހޭ ކަމެއް ނޫން،" ފަޒްނާ ވިދާޅުވިއެވެ.
މިސާލެއް ދައްކަވަމުން ފަޒްނާ ވިދާޅުވީ، އެކަމަނާގެ ދަރިންނަށް އެކަމަނާއާއި ނުލައި ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމަށް އިހުސާސް ކުރެވޭ ނަމަ، ނުވަތަ ޕްރިންސިޕަލަކު ވަކިވުމުން ސުކޫލެއްގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެ ނަމަ، އެއީ އެހެން މީހުންގެ ކިބައިގައި އިތުބާރާއި އަމިއްލަ ވަންތަކަން އުފެއްދުމުގައި އެ ލީޑަރަކު ނާކާމިޔާބުވުން ކަމަށެވެ.
ފަޒްނާ އިތުރަށް ވިދާޅުވީ، ކަރިޒްމެޓިކް ނުވަތަ ސަހުސިއްޔަތަށް ބިނާވެފައިވާ ލީޑަޝިޕްގެ އެންމެ ބޮޑު ނާޒުކުކަމަކީ މުއައްސަސާތައް ވަކި ފަރުދަކަށް މާބޮޑަށް ބަރޯސާވުން ކަމަށެވެ. ސަހުސިއްޔަތުގެ ސަބަބުން ވަގުތީ ކުރިއެރުމެއް ލިބުނު ނަމަވެސް، މުއައްސަސާއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ ވަރުގަދަ ނިޒާމުތަކެއްގެ މައްޗަށް ބިނާވެގެން ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އެކަމަނާގެ ޕޯސްޓުގައި ދެމެހެއްޓެނިވި ލީޑަޝިޕެއްގައި ހުންނަންޖެހޭ މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ވަރުގަދަ ނިޒާމުތަކެއް ގާއިމު ކުރުން
• ވަރުގަދަ ޓީމުތަކެއް ބިނާކުރުން
• އިސްކޮށް އުޅޭނެ މީހުން ތަރުތީބުވެފައި އޮތުން (Succession plans)
• އެންމެންގެ ހިއްސާ އޮންނަ ގޮތަށް ކަންކަން ނިންމުން
• އާ ޖީލުގެ ލީޑަރުން އުފެއްދުން
ޝިފާޒު މީގެކުރިން ވިދާޅުވެފައިވަނީ އެމްޑީޕީ މިހާރު އޮތީ "މަރުވެފައި" ކަމަށާއި، އެ ޕާޓީ އަލުން ހިންގޭނީ ރައީސް ނަޝީދަށް އެކަނި ކަމަށެވެ.





