”އައިޝާ“ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރުކޮށްފި  

”އައިޝާ“ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރުކޮށްފި  

”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް ނުހެދުމަށާއި އެ ޑޮކިއުމެންޓްރީގައި ހުރި ކަންކަމުގެ ވާހަކަ ނުދެއްކުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ގާޒީ މުޒައްމިލު ނަސީރު ނެރުއްވި އެ އަމުރުގެ ރައުޔުގައިވާ ގޮތުން، ”އަދަދު“ ގެ ސީއީއޯ ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒްފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ކޯޓަށް ހުށަހެޅީ، އެ ދެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ”އައިޝާ“ ނަމުގައި ޑޮކިއުމެންޓްރީއެއް އާންމުކޮށްފައިވާތީއެވެ. ދައުވާ ފޯމާ އެކު ޕީޖީ އޮފީހުން ވަނީ ޝަރީއަތް ހިނގަމުންދާއިރު ވަކި ގޮތަކަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައެވެ.

ރައުޔުގައި ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި ގަޒްފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ކަމަށާއި، 51 ވަނަ މާއްދާގެ (އ) އިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާހާ ހިނދަކު މީހަކު ކުށެއް ކުރީ ކަމަށް ނުބެލެވޭނެ ކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޖިންސީ މައްސަލަތަކާއި އެ ބާވަތުގެ އަހުލާގީ މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ކުރިއަށް ގެންދެވެނީ ހުޅުވާނުލައި ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މި އަމުރުގައި ގާޒީ ދެ ކަމެއް އަންގަވާފައިވެއެވެ. ފުރަތަމަ ކަމަކީ، އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ ވާހަކަ ނުދެއްކުމެވެ. ދެވަނަ ކަމަކީ، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ނުފެތުރުމެވެ. އެއިން ކަމަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލިދާނެ ކަމެއް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *