ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް "އަދަދު" ނޫޙުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރުގައި ވިދާޅުވީ އެ މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.
އަދި ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ވެސް އަމުރުކޮށްފައެވެ. އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުގައި ވިދާޅުވެފައިވެއެވެ.
އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އުމުުރުގައި ވިދާޅުވެފައިވަނީ އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ.އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
މި އަމުރުކުރި ސަބަބެއް ކަމަށް ކޯޓުން ވިދާޅުވެފައިވަނީ އަބުރު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރީކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތުމުން ކަމަށެވެ. ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ވެސް ކޯޓުން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް މިދިޔަ މަހުގެ 29 ގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރު ކުރިއެވެ. އެ ދެމީހުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީސް ވެސް ބަލައި ފާސްކޮށްފައެވެ.





