"ވައްކަމުގެ ރަސީދު" މަޖިލީހަށް ހުށަހެޅުއްވި ކަމަށް ނަޝީދު ވިދާޅުވި އަމީރުވެސް ނަޝީދުގެ ކެމްޕޭނުގައި

"ވައްކަމުގެ ރަސީދު" މަޖިލީހަށް ހުށަހެޅުއްވި ކަމަށް ނަޝީދު ވިދާޅުވި އަމީރުވެސް ނަޝީދުގެ ކެމްޕޭނުގައި

އެމްޑީޕީގެ ވެރިކަމުގެ ފަހު އަހަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ބަޖެޓް ފޮތް ހުށަހެޅި ޖަލްސާގައި މަޖިލީހުގެ އޭރުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރީގެ ރައީސް ނަޝީދު ވަރަށް ފޯރިއާއެކު ބަހުސްގައި ބައިވެރިވެވަޑައިގަތެވެ. އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު، އެ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓް ފޮތް ނަޝީދަށް އެދުވަހު ފެނިވަޑައިގަތީ އެހެން ގޮތަކަށެވެ.

އެދުވަހުގެ ބަހުސްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ބަޖެޓް ފޮތެއް ނޫން ކަމަށެވެ. މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ ސީދާ ވައްކަމުގެ ރަސީދެއް ކަމަށެވެ. އެ ވާހަކަ އަޑުފުޅަށް ބާރު ލައްވައި ނަޝީދު ތަކުރާރު ކުރެއްވިއެވެ. ފިނޭންސް މިނިސްޓަރު އަމީރު ފޮނުއްވާފައި އޮތީ ބަޖެޓް ފޮތެއް ނޫން ކަމަށެވެ. ވައްކަމުގެ ރަސީދެއް ކަމަށެވެ. ދައުލަތުގެ ތެރެއިން ކޮށްފައިވާ ވައްކަމުގެ ރަސީދެއް ކަމަށެވެ.

މާލީ ވަޒީރު އަމީރު އެދުވަހު ނަޝީދަށް ފެނިވަޑައިގަތީ "ވަގެއް" ގެ ގޮތުގައެވެ. ހުރިހާ ވައްކަމެއް ކުރައްވާފައި އެ ހުރިހާ ވައްކަމެއްގެ ރަސީދު ހިއްޕަވައިގެން މަޖިލީހަށް ވަޑައިގެން އިންނެވި ވަޒީރެއްގެ ގޮތުގައެވެ. ނަމަވެސް "ވައްކަމުގެ ރަސީދު" މަޖިލީހަށް ހުށަހެޅުއްވި އޭރުގެ ފިނޭންސް މިނިސްޓަރު އަމީރަކީ މިއަދު ނަޝީދަށް ވަރުގަދަ މާލީ ބޭފުޅަކަށް ވެއްޖެއެވެ. އޭރު އަމީރު ގެންގުޅުއްވި ވައްކަމުގެ ރަސީދަކީ މިއަދު ސައްޙަ އެއްޗަކަށް ވެއްޖެއެވެ. އަމީރަކީ ސާފު ބޭފުޅަކަށްވެ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ކަމަށް ނަޝީދު ގެނައުމަށް އަމީރު ތާއީދު ކުރައްވައި، ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންނެވި ހިސާބުން ވައްކަމުގެ ރަސީދު ހިއްޕަވައިގެން އުޅުއްވީ އަމީރުވެސް މިއަދު ސާފު ވެއްޖެއްޖެއެވެ.

މިކަން އެކަންޏެއްނޫނެވެ. އޭރު ނަޝީދު ދެއްކެވި ވަރަށްގިނަ ވާހަކަތައް މިއަދު ދަނީ ކެންސަލް ކުރައްވަމުންނެވެ. އޭރު ވަގުންގެ ގޮތުގައި ނަން ވިދާޅުވި ވަރަށްގިނަ ބޭފުޅުން މިއަދު ނަޝީދަށް ތާއީދު ކުރައްވާ ހިސާބުން ވަނީ މުޅިން ސާފު ބޭފުޅުންނަށް ބަދަލުވަމުންނެވެ.

އެމްޑީީޕީގެ އާންމު މެމްބަރުންނާއި ބައެއް އިސްބޭފުޅުން އޭރުވެސް ވިދާޅުވަމުން ގެންދެވި ފަދައިން އޭރު ނަޝީދު ދެއްކެވި ވާހަކަ ތަކަކީ ހަމަ ހުސް "ހޮޅި" ވާހަކަތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *