ތިލަމާލެ ބްރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ ދައްކަނީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމަށާއި، ބްރިޖުގައި އެފަދަ އަޑިތަކެއް ނުހުންނާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވައި، މަސައްކަތުގެ ފެންވަރު ބައްލަވާލެއްވުމަށް، ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވަނީ ތިލަމާލެ ބްރިޖަށް ޒިޔާރަތް ކޮށްފައެވެ.
މި ޒިޔާރަތުގައި އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއާއި ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބުވަނީ، ބްރިޖްގެ މަސައްކަތް ކުރިއަށްގެންދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ، ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.
މި ޒިޔާރަތުގައި، ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވާހަކަ ފަތުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖަކީ ޑިޒައިންކޮށް އިންޖިނިއާ ކޮށްފައިވާ ބްރިޖެއް ކަމަށެވެ. އަދި މި ބްރިޖަކީ، ވަކިވަކި ބައިތަކެއް ގުޅުވާގޮތަށް ތަރައްޤީކުރާ ބްރިޖަކަށްވުމާއެކު އެފަދަ އަޑިތަކެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ޑިޒައިންކޮށްފަ އިންޖީނިއަރ ކޮށްފައިން ބްރިޖެއް. މާނައަކީ ދުރުން ފެންނަގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީކީއެއް. މިއީ ލެގޯއެއްގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗަރ އަކަށްވާތީވެ އެބުނާ ކަހަލަ ޑިފެކްޓެއް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރުވެގެން ނުއެއްދާނެ. މީގަ ކޮލިޓީގެ މައްސަލައެއްނޫޅޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން އިލޫޝަންއޭ، މަސައްކަތް ކުރިއަށްދަނީ ބްރިޖުގައި އެބުނާ ކަހަލަ ބެންޑްތަކެއް ހުރެގެނެއް ނޫން". ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ އިންޑިއާ ސަރުކާރާއި މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
އަދި ވަކިން ޚާއްސަކޮށް މަޝްރޫޢުގެ ކޮންޓްރެކްޓަރަށް އެއްބާރުލުންދީ، އިންޑިއާ ސަރުކާރުގެ އެހީގައި ބްރިޖުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 2027ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، ދެން ކުރަން ހުރި މަސައްކަތްތައްވެސް ނުހުއްޓި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަކީ، މާލެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖުގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހުންނާނެއެވެ.
ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫއުގެ %72.17 މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %86 ސެގްމަންޓު މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން %60 ސެގްމަންޓު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި، ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.





