ގާތްގަނޑަކަށް 220 މިލިއަން ޑޮލަރުގެ އަގުހުރި ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އީރާނުގެ ސުޕަޓޭންކަރެއް، އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ ބްލޮކޭޑުން (ހުރަސްތަކުން) ސަލާމަތްވެ، ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދަށް ވަދެއްޖެ ކަމަށް ކަނޑުދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ "ޓޭންކަރ ޓްރެކާސް" އިން ހާމަކޮށްފިއެވެ.
ނޭޝަނަލް އިރާނިއަން ޓޭންކަރ ކޮމްޕެނީ އިން އޮޕަރޭޓްކުރާ "ހިއުޖް" ނަމަކަށް ކިޔާ މި ބިޔަ އުޅަނދުގައި 1.9 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓޭންކަރ ޓްރެކާސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވާ ގޮތުގައި، މި އުޅަނދު ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މޮނިޓަރިންގް ނިޒާމަށް ނޭނގި، ދުރު އިރުމަތީ އޭޝިއާއާ ހަމައަށް ދަތުރުކޮށްފައެވެ.
މި އުޅަނދު އެންމެ ފަހުން އާންމުކޮށް ފެނިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްްރީލަންކާ ކައިރިންނެވެ. މިހާރު މި އުޅަނދު ދަތުރުކުރަމުންދަނީ އިންޑޮނޭޝިއާގެ ލޮމްބޮކް ކަނޑުއޮޅިން ރިއާއޫ އާކިޕެލާގޯއާ ދިމާލަށް ކަމަށް ބެލެވެއެވެ.
މި އުޅަނދުގެ "އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ އުޅަނދު އޮތް ތަން އަންގައިދޭ ސިގްނަލް، މާރިޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ނިއްވާލާފައެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުފަހަރު، އެމެރިކާ ފަދަ ގައުމުތަކުގެ މޮނިޓަރިންގްއަށް ފިލުމަށްޓަކައި އާންމުކޮށް ކުރާ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާއިން ބުނަމުންދަނީ އީރާނާ ގުޅުންހުރި ގިނަ އުޅަނދުތަކެއްގެ މިސްރާބު ބަދަލުކުރުވައި، ބްލޮކޭޑް ވަރުގަދަކޮށްފައިވާ ކަމަށެވެ. ނަމަވެސް "ހިއުޖް" ޓޭންކަރު މި ސަރަހައްދަށް ވަނުމަކީ އެމެރިކާގެ ބްލޮކޭޑްގައި ބޮޑެތި ބުރޫތަކެއް ހުރިކަން ހާމަވާ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ފަރާތްތަކުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.





