ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 106 ވަނައަށް ވެއްޓި، ބޮޑުތަނުން ފަހަތަށް ގޮސްފައިވާތީ އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ރާއްޖެއާ ބައްދަލުކުރީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 106 ވަނައަށް ވެއްޓުމަކީ މި ސަރުކާރުން ހާމަކަންބޮޑު ސިޔާސަތުތަކުގެ ބަދަލުގައި ބިރުދެއްކުމުގެ ސިޔާސަތެއް ގެންގުޅޭކަމުގެ ހެއްކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ސަރުކާރުން ނޫސްވެރިކަމަށް ހުރަސްއަޅާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ގާނޫނުތައް ހެދުމާއި، ނޫސް އިދާރާތަކަށް ފުލުހުން ފޮނުވައިގެން ފިޔަވަޅު އެޅުން ފަދަ ކަންކަން މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ސަރުކާރުން އިޚްތިޔާރު ކުރަމުންދަނީ ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ނޫސްވެރިންނާ މެދު ކުރާ ބިރުދެއްކުމާއި، ގޯނާކުރުމާއި، އަދި ނޫސްވެރިކަމުގެ މަސައްކަތް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް އޮންނާނީ ނޫސްވެރިންނާ އެކު ސާބިތުކަމާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން އާންމުކުރި މިއަހަރުގެ އިންޑެކްސްގައި ރާއްޖެ ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ގިނަ ދަރަޖަތަކެއް ފަހަތަށް ގޮސްފައެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސް ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދާ މައްސަލައެކެވެ.





