ފައިސާ ނެތުމާއި މަސްލަހަތަށްޓަކައި އެމްޑީޕީގެ އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

ފައިސާ ނެތުމާއި މަސްލަހަތަށްޓަކައި އެމްޑީޕީގެ އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި، ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޣަފޫރު މި ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވީ، މިވަގުތު އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ ތެރޭގައި އުފެދޭނެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
މީގެ އިތުރުން، އިންތިހާބު ފަސްކުރަން ޖެހޭ އަނެއް ސަބަބަކީ ޕާޓީގެ މާލީ ދަތިކަން ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ، އިންތިހާބު ބޭއްވޭނެ ފަދަ މާލީ ތަނަވަސްކަމެއް ޕާޓީގައި މިވަގުތު ނެތެވެ. އެހެންކަމުން، ޕާޓީ ހިންގުމަށްޓަކައި ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށްފަހު، އެކަން ގައުމީ މަޖިލީހުން ފާސްކުރުމަށް އޭނާ ވަނީ ލަފާދެއްވާފައެވެ.

މި އިންތިހާބު ފަސްކުރަން ހުށަހެޅި އިރު، ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ. ޣަފޫރުގެ މި ހުށަހެޅުމާ އެއްގޮތަށް އިންތިހާބު ފަސްކޮށްފިނަމަ، މިއީ މި އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގައުމީ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބާއްވާ ގޮތަށް ނިންމާފައެވެ.

މި މައްސަލައިގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އަސާސީ ގަވާއިދުން ދީފައިވަނީ އޭނާއަށް ކަމަށާއި، އޭނާއަށް އެންގުމެއް ނެތި އިންތިހާބުގެ ޓައިމްލައިން އިއުލާންކުރުމަކީ ގަވާއިދާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *