މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އަލުން އައްޔަންކޮށް، އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ.
ރައީސް މުހައްމަދު މުއިއްޒުއާ ޖެހުނު ހިޔާލު ތަފާތުވުމެއްގައި އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެއީ ދާއިރާގެ މެންބަރުންނަށް އަސްމާ ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އެބަދަލާއެކު އަސްމާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކުރީ، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ. އެއަށްފަހު ކޮމިޓީ މުގައްރިރަކަށް އިންތިހާބު ކުރީ، މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމްއެވެ.
ނަމަވެސް އިޖްތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަސްމާ ވަނީ އަލުން އެ ކޮމިޓީއާ ގުޅިވަޑައިގެންފައެވެ.
އެކަން ފާހަކަ ކުރައްވައި، ކޮމިޓީގެ މުގައްރިރު މުސްތަފާ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ، އަސްމާ ކޮމިޓީއާ އަލުން ގުޅިވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާ ކަމަށެވެ، މީގެކުރިންވެސް ކޮމިޓީގައި އިންނަވައިގެން އެ ކޮމިޓީގެ މެންބަރުންނާއެކު ކުރެއްވި މަސައްކަތް ފާހަގަ ކުރައްވައި، އަސްމާ ކޮމިޓީއާ ގުޅިވަޑައި ގަތުމުން ހުރިހާ މެންބަރުން އުފާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު މުސްތަފާ ވިދާޅުވީ، ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާ ކަަމަށެވެ.
މުސްތަފާ އިސްތިއުފާ ދެއްވި ހިސާބުން ރިޔާސަތަށް ވަޑައިގެންނެވީ ނައިބު މުގައްރިރު، ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމް އެވެ.
ފުރަތަމަ އޭނާ ކުރިއަށް ގެންދެވީ ކޮމިޓީގެ މުގައްރިރަކު އިންތިހާބު ކުރެއްވުމުގެ މަސައްކަތެވެ. އެކަމަށް ނަމެއް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އަސްމާގެ ނަން މުގައްރިރުކަމަށް ހުށަހެޅުއްވީ، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމްއެވެ.
ކޮމިޓީގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށް އަސްމާ ކޮމިޓީގެ މުގައްރިރަކަށް އިންތިހާބުކުރިއެވެ.
އެއަށްފަހު، ނައިބު މުގައްރިރުކަމުން، މުންތަސިމްވެސް އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު އަސްމާ ކޮމިޓީގެ ރިޔާސަތަށް ވަޑައިގެން ނާއިބު މުގައްރިރެއް އިންތިހާބު ކުރިއެވެ. އެ މަގާމަށް އިންތިހާބު ކުރީ، ކުރިން ކޮމިޓީ މުގައްރިރުގެ މަގާމުގައި ހުންނެވި، މުހައްމަދު މުސްތަފާ އިބްރާހިމްއެވެ.
އެހިސާބުން ކޮމިޓީ ބައްދަލުވުން ނިންމައިލިއެވެ.





