ޕްރައިމަރީ ކާމިޔާބު ކުރި ސިނާން ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި

ޕްރައިމަރީ ކާމިޔާބު ކުރި ސިނާން ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޓިކެޓް ކަށަވަރު ކުރެއްވި ކުރީގެ މެމްބަރު މުހައްމަދު ސިނާން، ހިތުނު ހިތަށް ބަދަލެއް ގެންނަވައި ބައި-އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފި އެވެ.

ސިނާން ވިދާޅުވި ގޮތުގައި، ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ ރައްޔިތުންނާ ކުރެއްވި ފުންނާބު ހަރު މަޝްވަރާ ތަކަށްފަހު، ޕީއެންސީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އާ ބޭފުޅަކަށް ފުރުޞަތު ދެއްވުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި ނިންމެވުމުގެ ވާހަކަ ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް ހިއްސާ ކުރައްވާފައިވާ ކަމަށާއި، ލީޑަރޝިޕުން އެ ނިންމެވުން ގަބޫލު ކޮށްފައިވާ ކަމަށްވެސް ސިނާން ވިދާޅުވި އެވެ. ސިނާން ވަނީ ފަހަތަށް ޖެހިވަޑައިގެންނެވި ނަމަވެސް، ޕީއެންސީން ނެރޭ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ކެމްޕޭނުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ވަރުގަދަ ޔަގީންކަން ދެއްވާފަ އެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ." އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީގައި ތާއީދު ކޮށްދެއްވި ހުރިހާ ޕާޓީ މެންބަރުންނަށް ޝުކުރު ދަންނަވަމުން، ޕާޓީން ކެންޑިޑޭޓަކު ހޮވިހާ އަވަހަކަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ކެމްޕޭނަށް ނިކުންނަވާނެ ކަމަށް ސިނާން ވަނީ ވިދާޅުވެފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 6 ވަނަ ދުވަހު އެވެ. ޕީއެންސީން ދެން ނެރޭނެ ކެންޑިޑޭޓެއް ހޯދުމުގެ މަސައްކަތް ޕާޓީން ފަށާފައިވާ ކަމަށް ބެލެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *