ނޫސް މަޖައްލާތަކާ މެދު ފިޔަވަޅު އެޅުމާއި ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފި

ނޫސް މަޖައްލާތަކާ މެދު ފިޔަވަޅު އެޅުމާއި ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފި

މާލެ، ދިވެހިރާއްޖެ: ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި، މީޑިއާތަކާ ގުޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ އާ ގަވާއިދުތައް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ގެޒެޓްކޮށް، އެ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނުން މިއަދު ވަނީ މީޑިއާގެ ދާއިރާއާ ގުޅޭ މުހިންމު ތިން ގަވާއިދެއް އާއްމުކޮށްފައެވެ. މިއީ މީގެކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިވަކިން ހިންގަމުން އައި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސް އެކުލަވާލާފައިވާ ގަވާއިދުތަކެކެވެ.
މިއަދު އަމަލުކުރަން ފެށި ތިން ގަވާއިދަކީ:

އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު
ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު
މީޑިއާ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

އާ ގަވާއިދުގައިވާ ގޮތުން، މީޑިއާއަކުން ފަތުރާފައިވާ ކޮންޓެންޓަކާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ، އެ ކޮންޓެންޓެއް އާއްމުކުރިތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ހުށަހަޅާ ޝަކުވާތަކަށް 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުތަކުގެ ދަށުން މީޑިއާތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ސުލޫކީ މިންގަނޑާ ހިލާފުވާ ބްރޯޑްކާސްޓަރުން 50،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ނޫސް މަޖައްލާއެއް ނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވަނީ ދީފައެވެ.
މީގެ އިތުރުން، މީޑިއާތަކުން އިސްލާހުކުރަންޖެހޭ ކަންކަން އެންގުމާއި، އާއްމުކޮށް މައާފަށް އެދުމަށް އެންގުމުގެ އިތުރުން، މީޑިއާއެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އާ އިދާރާއެއް އުފެއްދުމާ ގުޅޭގޮތުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ މީޑިއާތައް ރެގިއުލޭޓްކުރުން ހަރުދަނާކުރުމުގެ މަގުސަދުގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *