ބުލީ ކުރުން ކުށަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

ބުލީ ކުރުން ކުށަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

ބުލީ ކުރުމަކީ ގާނޫނީ ކުށަކަށް ހަދައި އެކަމަށް އަދަބު ދެވޭނެ ގޮތަށް "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ ހޯމަ ދުވަހަކު ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް ވިދާޅުވީ، ރާއްޖެ އާއި މުޅި ދުނިޔޭގައި ބުލީގެ މައްސަލަ ބޮޑުކަމާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަންޖެހިފައިވާކަން ފާހަގަކުރައްވަމުންނެވެ.ރައީސް ވިދާޅުވީ ބުލީ ކުރުމަކީ "ޑީޕް ރޫޓެޑް އިންޓަ ކަނެކްޓެޑް" ވަރަށް ބައިވަރު މައްސަލަތައް ހިމެނޭ މައްސަލައެއް ކަމަށެވެ.

އެންމެ ތުއްތު ކުދިންނާ ހިސާބުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް ވެސް ބުލީ ކުރުން އޮންނަ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރު ލެވެލްގައި ވެސް މަސައްކަތްތަކެއް މިހާތަނަށް ކޮށްފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ ނިޒާމުގެ ތެރޭގައިވެސް ބުލީކުރުމަށް ފިޔަވަޅު އެޅޭ ގޮތަށް އޮންނަ ނަމަވެސް އިތުރު ކަންކަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއީ މި ސަރުކާރުން 2024 ގައި ގާނޫނުލްއުގޫބާތުގެ ހަ ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ސައިބާ ވައިލަންސްގެ އަމަލުތަކަކީ ކުށެއް ކަމަށް އޮންނާނީ ކަނޑައަޅާފައި. އޭގެ ތެރޭގައި ސައިބާ ސްޓޯކިންގެ އަމަލުތައްވެސް ހިމެނޭ. އަދި މިފަދަ އަމަލުތައް ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ވެސް ހުށަހެޅުނު،" ރައީސް ވިދާޅުވި އެވެ.އޭގެ އިތުރުން ގާނޫނީ ނިޒާމުގެ ތެރެއިން އެކަން ހުއްޓުވުމަށްޓަކައި އަދި އެފަދަ ކަންކަމަށް 'ޕްރިވެންޓިވް މެޝާސްތައް' ނެގުމަށްޓަކައި "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބިލު ހެދުމަށް މަޝްވަރާތައް ކުރަންޖެހޭ ފަރާތްތަކާ ކުރުމަށްފަހު ފާސް ކުރުމަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *