ޕްރައިމަރީ ކާމިޔާބުކޮށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ސިނާން ކަށަވަރު ކުރައްވައިފި

ޕްރައިމަރީ ކާމިޔާބުކޮށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓް ސިނާން ކަށަވަރު ކުރައްވައިފި

އަންނަ ޖޫން 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވުމަށް ޕީއެންސީގެ ޓިކެޓް، ކުރީގެ މެމްބަރު މުހައްމަދު ސިނާން ކަށަވަރު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ޕްރައިމަރީގައި ސިނާންއާ ވާދަ ކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ނަތީޖާ ދެއްކި ގޮތުން، ސިނާނަށް ޖުމްލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

ވޯޓުލުމަށް ޝަރުތު ހަމަވި 727 މީހުންގެ ތެރެއިން، މާލޭ ވޯޓުފޮށިން ސިނާނަށް 59 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ. ހިތަދޫ ވޯޓުފޮށިން ސިނާނަށް 167 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާން ޝާމިލުވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކާ ގުޅިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް ފައިސާ ނުދެއްކެވިގެންނެވެ. ސުޕްރީމް ކޯޓުން ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މި ބައި-އިލެކްޝަންގައި، ސިނާންއާ ވާދަ ކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ފޯމު ހުށަހެޅީ ހަމަ ސޯބެ އެކަނި ކަމަށްވާތީ، ޕްރައިމަރީ ކުރިމަތިލުމަކާ ނުލައި ސޯބެ ވަނީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.

ކުރިމަތިލުމުގެ ފުރުޞަތު ހަމަވަނީ އޭޕްރިލް 29 ވަނަ ދުވަހު މެންދުރުފަހު 3:00 ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ ޖޫން 6 ވަނަ ދުވަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *