ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވައި ފެނިގެން އިއްޔެގެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވެފައި ވަނީ ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ބަންދުގައި ހުއްޓައި މިމަހުގެ 15 ވަނަ ދުވަހު ވެސް ވަނީ މީހަކު މަރުވެފައެވެ. މ. ރޭއަލިވާގެއާގެ / މާލެ، އަހުމަދު ނަވްޝާދު (41އ) މަރުވި މައްސަލައިގައި ޕޯސްޓް މޯޓަމް ހަދަން ވެސް ފުލުހުން ނިންމާފައިވެއެވެ.





