އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާގެ މައްސަލަ ތަހުގީގު ކުރުމަށާއި، އާޒިމަށް ރައްކާތެރިކަން ފޯރުކޮށްދޭން ދިވެހި ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެ ހަމަލާއާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އިބޫ ވަނީ އެ ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ،
"މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،"
އިބޫ ވިދާޅުވީ، އެއްވެއުޅުމާއި، ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކެއް ކަމަަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށްވެސް ވިދަޅުވިއެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން މަސައްކަތް ކޮށްފައިވެ އެވެ.
އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު އާޒިމް ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ.
މި މައްސަލައާ ގުޅިގެން ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި އެމްޑީޕީގެ އިސްބޭފުޅުން ވަނީ މޭޔަރު އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.





