ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެންސީބީން އެޑްވައިޒަރީއެއް ނެރެފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެންސީބީން އެޑްވައިޒަރީއެއް ނެރެފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަނެވޭ އިންޑިއާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއަށް ދަތުރުކުރާ މީހުންނަށް ޚާއްސަ އިރުޝާދެއް (އެޑްވައިޒަރީއެއް) ނެރެފިއެވެ.

މި އެޑްވައިޒަރީ ނެރެފައިވަނީ ރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށް، އެއަށް އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެންސީބީން ނެރުނު "ހައި-ޕްރަޔޯރިޓީ އެޑްވައިޒަރީ" ގައި ވަނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލާފައެވެ. އެ ބިއުރޯއިން ފާހަގަކުރި ގޮތުގައި، ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. އެހެންކަމުން، ރާއްޖޭގެ ގާނޫނުތަކުގައިވާ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ކޮންމެ ދަތުރުވެރިއަކު ވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުން ދަތުރުކުރާއިރު ނުދަންނަ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ފޮށިތަކާއި ދަބަސްތަކަށް މިހާރަށްވުރެ ބޮޑަށް ފާރަވެރިވުމަށް ވެސް އެންސީބީން ވަނީ އިންޑިއާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅެއެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން 350 ގްރާމަށް ވުރެ ގިނަ ކެނެބިސް، 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ ޖަދުވަލު އެކެއްގައިވާ އެހެން ބާވަތެއްނަމަ 100 ގްރާމަށް ވުރެ ގިނައިން އެތެރެކުރުމަކީ މަރުގެ އަދަބު އަތުވެދާނެ ކުށެކެވެ.

ގާނޫނުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. ބެންޗުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ފަހަކަށް އައިސް އިންޑިއާ މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މަހު އެކަނި ވެސް ތިން މައްސަލައެއްގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހިމެނެއެވެ. އަދި މި މަހުގެ ތެރޭގައި ވެސް ވެލާނާ އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖެއަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ގާނޫނާ ޚިލާފު އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *