ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހި، ސިއްރުން ފަރުވާ ހޯއްދަވައިފި

ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހި، ސިއްރުން ފަރުވާ ހޯއްދަވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަމާއި، އެ ބައްޔަށް އޭނާ ސިއްރުން ފަރުވާ ހޯއްދަވާފައިވާކަން ހާމަކުރައްވައިފިއެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ މިކަން ހާމަކުރެއްވީ އޭނާގެ އަހަރީ މެޑިކަލް ރިޕޯޓުގެ ނަތީޖާ އާންމުކުރައްވަމުން މިއަދެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނު މި ރިޕޯޓު އާންމުކުރުން ދެ މަސްދުވަހަށް ލަސްކުރީ، އީރާނުން މި މައުލޫމާތުގެ ބޭނުން ހިފައިގެން ދޮގު ޕްރޮޕެގަންޑާ ފެތުރުން ހުއްޓުވުމުގެ މަގުސަދުގައެވެ. މިއީ އޭނާއަށް ކެންސަރު ބަލި ޖެހުނުކަން އާންމުކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕްރޮސްޓޭޓް ދުޅަވުމުގެ ސަބަބުން ނަތަންޔާހޫ އޮޕަރޭޝަނެއް ކުރެއްވިކަން ބޮޑުވަޒީރުގެ އޮފީހުން އޭރު ހާމަކުރި ނަމަވެސް، އެ އޮޕަރޭޝަނަށްފަހު ހެދި ޗެކްއަޕްތަކުން އެއް ސެންޓިމީޓަރަށްވުރެ ކުޑަ ނުރައްކާތެރި (މެލިގްނަންޓް) ޓިއުމަރެއް ފެނިފައިވާކަން އެނގުނީ ފަހުންނެވެ.

ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ޑޮކްޓަރުންގެ ސިޓީތަކުގައިވާ ގޮތުން، މިއީ ވަރަށް ކުރީކޮޅު ފާހަގަކުރެވުނު ކުޑަ ޓިއުމަރެކެވެ. އަދި ހަށިގަނޑުގެ އެހެން އެއްވެސް ތަނަކަށް ކެންސަރުގެ އަސަރު ފެތުރިފައި ނުވާކަން ހުރިހާ ޓެސްޓުތަކަކުން ކަށަވަރުވާ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ނަތަންޔާހޫ މިކަން ހާމަކުރެއްވިއިރު، އެންމެ ފަހުން ޓެސްޓު ހެދި ތާރީޚެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އިތުބާރު ހުރި މަސްދަރަކުން ސީ.އެން.އެން އަށް މައުލޫމާތު ދިން ގޮތުގައި، ބޮޑުވަޒީރަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ މަސްތަކެއް ކުރިންނެވެ. އޭނާ ވަނީ މީގެ ދެ މަސް ބައި ކުރިން ރޭޑިއޭޝަން ތެރަޕީ ފަށްޓަވައި، ދާދި ފަހުން އެ ފަރުވާ ފުރިހަމަކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ނަތަންޔާހޫ ވިދާޅުވީ، އޭނާ ހޯއްދެވި “ޓާގެޓެޑް ރޭޑިއޭޝަން ތެރަޕީ” އަށްފަހު، ކެންސަރު ހުރި ތަން މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި، ޕްރޮސްޓޭޓަށް ދިމާވި މެޑިކަލް މައްސަލައަށް ފުރިހަމަ ފަރުވާ ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *