އެތައް ހާސް ރައްޔިތުންނާ ގުޅިފައިވާ މުނިސިޕަލް ޚިދުމަތްތަކެއް ވިޔަފާރި ކުންފުންޏެއްގެ ބާރުގެ ދަށަށްދާ ގޮތަށް ދައުލަތުގެ ކަންކަން ތަރުތީބުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ދައުލަތުގެ ހިންގުމުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ނިޔާޒު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކުންފުންޏެއްގެ ކޮންޓްރޯލްގެ ދަށަށް ދޫކޮށްލުމަކީ ކޮންކަހަލަ ވިސްނުމެއްގައި ކުރާ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ
އޭނާ ވަނީ މިކަން "އީސްޓް އިންޑިއާ ކޮމްޕެނީ" އިން އިންޑިއާގެ ސަބްކޮންޓިނެންޓް އަޅުވެތިކޮށްގެން އުޅުނު އުޅުމާ އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ނިޔާޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ދައުލަތުގެ ގަވަރނަންސް ނިޒާމު ފެއިލްވަމުންދާއިރު، މިކަމާ ކަންބޮޑުވާނެ ރައްޔިތަކުވެސް މި ގައުމުގައި ހަމަ ނެތީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ދައުލަތުގެ ހުރިހާ ކަމެއް ހުއްޓި، ހިންގުމުގެ ނިޒާމު ފެއިލްވަމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ ގަވަރނަންސްގައި ހުރި ބޮޑެތި ބާގަނޑުތައް ބައްދާނެ މަޖިލީހަކާއި ވެރިއަކު އައްޔަންކުރަން ވެއްޖެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު މިފަދަ މޭރުމަކުން ވާހަކަދައްކެއްވި ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ހާމައެއް ނުކުރައްވައެވެ.





