ލޭ ތަޣައްޔަރުވި ހާދިސާ 13 އަހަރު ފަހުން ތަކުރާރުވުން: "މިއީ ބަލައިގަނެވޭނެ ކަމެއް ނޫން": ފިރާގު

ލޭ ތަޣައްޔަރުވި ހާދިސާ 13 އަހަރު ފަހުން ތަކުރާރުވުން: "މިއީ ބަލައިގަނެވޭނެ ކަމެއް ނޫން": ފިރާގު

މޯލްޑިވްސް ތެލެސީމިއާ ސެންޓަރުގައި ލޭ ތަޣައްޔަރުވި ހާދިސާ އަލުން ތަކުރާރުވި ކަމަށް ބެލެވޭ ރިޕޯޓްތަކާ ގުޅިގެން، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ކަންބޮޑުވުން  ފާޅުކުރައްވައިފިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި، 23 ޖުލައި 2013 ވަނަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ކަރަންޓު ކެނޑުމުގެ ސަބަބުން ލޭ ރައްކާކުރާ އައިސްއަލަމާރީގެ މަސައްކަތަށް ބުރޫއަރައި، ލޭތައް ތަޣައްޔަރުވި ހާދިސާ ހިނގިއެވެ.

މީގެ 13 އަހަރު ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ވަގުތުން ފިޔަވަޅު އަޅުއްވި ނަމަވެސް، ހަމަ އެފަދަ ހާދިސާއެއް މި މަހުގެ 19 ވަނަ ދުވަހު ތަކުރާރުވި ކަމަށް ބެލެވޭ ކަމަށް ފިރާގު ވިދާޅުވިއެވެ.

ތެލެސީމިއާ ބަލީގައި ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ލޭ އަޅަންޖެހޭ 24 އަހަރުގެ ދަރިއަކު ހުންނެވި ފިރާގު ވިދާޅުވީ، ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ބަލިމީހުންގެ ފުރާނައާ ސީދާ ގުޅިފައިވާ ލޭ ރައްކާކުރުމުގެ ނިޒާމުގައި، ފޫ ނުބެދި ތަކުރާރުވާ މިފަދަ މައްސަލަތަކެއް ހުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫން. މިއީ ދިރިހުރި، ލޭ އެޅުމަށް ބަރޯސާވެފައިވާ ދިވެހި ދަރިންގެ ފުރާނަ. ކޮންމެ ދެ ހަފުތާއަކުން ދަރިފުޅު ހޮސްޕިޓަލަށް ގެންދާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، ތަކުރާރުވަމުންދާ މި އިހުމާލުތަކާ މެދު ކަންބޮޑުވެ ހިތާމަ ކުރަން،" ފިރާގު ވިދާޅުވިއެވެ.

ފިރާގު ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއިން މިހާރުގެ ހާލަތަށް ފުރިހަމައަށް ސަމާލުވެ، ކަނޑައެޅިފައިވާ ހަރުދަނާ މިންގަނޑުތައް ދެމެހެއްޓުމަށް ގޮވާލައްވާފައެވެ. އަދި މި ހާދިސާއާ ގުޅޭ ސާފު ތަފްސީލެއް ނުވަތަ ރަސްމީ ޖަވާބެއް ކަމާ ބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ހާމަކުރުމަށް ވެސް ފިރާގު ވަނީ ގޮވާލައްވާފައެވެ.

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ލޭ ރައްކާކުރުމާއި ބެލެހެއްޓުމުގެ ނިޒާމު ފުރިހަމައަށް ހިންގުމަކީ ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށް ފިރާގު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *