ސާވިސް ޗާޖްގެ ގޮތުގައި ރިސޯޓު ތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން އެ ފައިސާ މުވައްޒަފުންނަށް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް މި ބިލުގެ ބަހުސްގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވީ ބިލާ ދެކޮޅަށެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ނިންމެވިއެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ނެވެ. ބިލުގައިވެސް ވަނީ އެގޮތަށް ކަނޑައަޅައިފައެވެ.
މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތް ތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
އެގޮތަށް އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކަށް ސާވިސްޗާޖް ދޭންޖެހޭ ގޮތަށް މިހާރު ގާނޫނަކު ނޯވެއެވެ. އަދި މިހާރު އޮންނަ ގޮތުން އެ މީހުންނަށް މުސާރަ ދޭނީވެސް ރިސޯޓްތަކުން ނޫނެވެ.
މި ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށްވެސް ސާވިސް ޗާޖް ދޭން ޖެހޭނެއެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަންޖެހޭ ގޮތަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ ކަމަށެވެ.
އެހެންކަމުން މި ބިލަކީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ހުށަހަޅާ ބިލެއް ކަމަށްވެސް ބިލުގައިވެއެވެ.





