ހައްޖު ކިއުގައި ގިނަބަޔަކު ތިއްބައި ކުންފުނިތަކަށް ވަކި ކޯޓާއެއް ދިނުން އިންސާފެއްނޫން: ޝަހީމް

ހައްޖު ކިއުގައި ގިނަބަޔަކު ތިއްބައި ކުންފުނިތަކަށް ވަކި ކޯޓާއެއް ދިނުން އިންސާފެއްނޫން: ޝަހީމް

ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ތިއްބާ، ކުންފުނިތަކުން ގުރުއަތުން ހޮވާ މީހާއަށް ހައްޖުގެ ފުރސަތު ލިބޭގޮތަށް ވަކި ކޯޓާއެއް ދޫކުރުމަކީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހައްޖަށް ދިއުމަށް ދުރާލައި ފައިސާ ދައްކާފައި ތިބި މީހުންގެ ދިގު ކިއުއެއް އޮއްވައި، ކުންފުނިތަކުން ދޭ ފުރުސަތުތަކަށް ހާއްސަ ކަމެއް ދީގެން މީހުން ހައްޖައް ގެންދާ މައްސަލައާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ދޭ އިނާމުގެ ގޮތުގައި ގުރުއަތުން ހޮވާ މީހުންނަށް އަވަހަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް މިހާރު އެކަން މަދުކޮށްފައިވާ ކަމަށާއި، އެގޮތުން ކުންފުނި ތަކަށް މިއަހަރު ދިނީ ވަރަށް މަދު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ޝަހުސީކޮށް ގަބޫލުކުރާ ކަމެއް ނޫން އެއީކީ.  އެއީ ކުންފުނިތަކަށޭ ކިޔާފައި އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރެވޭނެ. ވަރަށް ގިނަ ކުންފުނިތަކުން މިނިސްޓްރީއަށްވެސް އާދޭ އެތާގެ މުވައްޒަފުންނަށް އެ ފުރުސަތު ހޯދަން. އެހެން ނަމަވެސް އަޅުގަނޑުވެސް ގަބޫލެއް ނުކުރަން އެއީ އެންމެ އިންސާފުވެރި ގޮތެއް ކަމަކަށް. ކިއުގައި އެހާ ގިނަ މީހުން ރަޖިސްޓްރީ ވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތު ތަކަށް ޖާގަ ދިނުން،" ޝަހީމް ވިދާޅުވުއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ދޭ ހައްޖު ދަތުރުތައްވެސް ދޭންވާނީ ކިއުއަށް އަރާ ގޮތަށް ކަމަށެވެ. މުވައްޒަފަށް ފައިސާދީފައި އަވަހަށް ކިއުއަށް އެރުވުމަކީ ކުންފުނިތަކަށް ކުރެވިދާނެ ތަނެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *