އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އެ މީހުންނާމެދު އިހުމާލު ވަމުންދާ މައްސަލަ ތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމާބެހޭ ގާނޫނަކުން ކަމަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ގަޥާއިދު ތަކާއި އުސޫލުތަކަށް ބަދަލު ގެނެސްގެންވެސް އުމްރާއަށް މީހުން ގެންދާ ކުންފުނި ތަކުން ވަމުންދާ އިހުމާލުގެ މައްސަލަ ތަކަށް ހައްލު ނުލިބޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަތް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެހެންކަނުން ހައްޖާއި އުމުރާގެ ކަންތައްތަކާގުޅޭ ގާނޫނެއް އެކުލާވާލުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.
އެ ގާނޫނުގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ ދައުރު ފުރިހަމައް ބަޔާންވެފައި އޮންނާނެ ކަމަށައި، އަލިއްލަ ކުންފުނި ތަކުގެ ދައުރު ބަޔާންވެފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ގާނޫނުގައި އެފަދަ ކޫށްތަކަށް ގާނޫނީގޮތުން އެޅޭނެ ފިޔަވަޅުތައް ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖާއި އުމްރާގެ މަސައްކަތަކީ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަން ކަމަށްވެސް އެހެންކަމުން އެ ގާނޫނު އެކުލަވާލައި ވުޖޫދު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެެވެ.





