އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ.
މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އެވެ.
މީގެކުރިން ނާޒިމްއަކީ އެ ދެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެންބަރެކެވެ. އަދި ހާއްސަކޮށް އެ ކޮމިޓީން ކުރިއަށްގެންދިޔަ ކޮރަޕްޝަން އާއި ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތައް ބަލަން އެކުލަވާލާ ކުޑަ ކޮމިޓީތަކުގެ މުގައްރިރުކަންވެސް އެންމެ ގިނައިން ކުރައްވާފައި ވަނީ ނާޒިމް އެވެ.
އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ދެ މީހަކު މަރުވި ހާދިސާ އާއި، ފެނަކަ އާއި ޕޮލްކޯގެ ހިޔާނާތުގެ މައްސަލަތަކާއި، އެމްޕީއެލްގެ ވިޔަފާރި ބަދަރުން ސިނގިރެޓް ކޮންޓޭނާއެއް ވަކަށް ނެގުން ފަދަ މައްސަލަ ތަކުގެ އިތުރުން، ރާއްޖެއަށް ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކުރި މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.
ނަމަވެސް، މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި އެ ދެ ކޮމިޓީގައިވެސް ނާޒިމެއް ނުހިމެއެވެ. ވެބްސައިޓްގައި ނާޒިމް އިންނެވީ އެ ދެ ކޮމިޓީގައި ކުރިން މަސައްކަތްކުރެއްވި މެންބަރުންގެ ތެރޭގައެވެ. އަދި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައިވެސް ނާޒިމް ހިމެނިވަޑްއެއް ނުގަންނަވައެވެ.
ނަމަވެސް މިގެނައި ބަދަލު އަދި މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށްފައެއްނުވެއެވެ.





