ޝާހީންގެ މަރު: ވާރިސުން ބޭނުންވީ މަރުގެ ދިޔަ، 1.2 މިލިއަނުން ޖޫރިމަނާކޮށް މަސްއޫދު އުމުރަށް ޖަަލަށް

ޝާހީންގެ މަރު: ވާރިސުން ބޭނުންވީ މަރުގެ ދިޔަ، 1.2 މިލިއަނުން ޖޫރިމަނާކޮށް މަސްއޫދު އުމުރަށް ޖަަލަށް

ދ. މީދޫ މަސްދޯންޏެއްގައި މާޗް 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ މުހައްމަދު ޝާހީން މަރާލި މައްސަލައިގައި ދައުވާކުރި، އެ ގައުމުގެ މުހައްމަދު މަސްއޫދުގެ މައްޗަށް، ޝާހީން މަރައިލުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަސްއޫދުގެ މައްޗަށް ދައުލަތުން ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް އެ ހަމަލާދިނުމުގެ ކުރިން އޭނާ އާއި ޝާހީންއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އޭގެ އިރުކޮޅެއްފަހުން ޝާހީން ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލައިއި އެ ހަމަލާއަކީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި، ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް މަސްއޫދުގެ ފަރާތުން ބުނެފައި ވިޔަސް، އެކަމަށް ބުރަދަނެއް ނުދެވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ، އޭގެ ކުރިން ދެ މީހުން ދޯނީގައި ތިބެގެން ހަމަނުޖެހުން ހިންގާފައިވުމާއި ވަޅި ހެރުމުން ޝާހީނަށް އެހީވާން މަސްއޫދު މަސައްކަތް ނުކުރުމުގެ އިތުރުން އެ ހާދިސާއަކީ "އިންސިޑެންޓެއް" ކަމަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް ސީން ރިކޮންސްޓްރަކްޝަން ރިޕޯޓްގައި ބަޔާން ކުރާތީ އެވެ.

އެހެން ކަމުން ހުކުމުގައި ވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ނަމަވެސް ޝާހީންގެ ވާރިސުން ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ 1 އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށްވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރި ވެފައިވެއެވެ.

މަސްއޫދު އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *