ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.
މިކަން އިޢުލާން ކުރައްވާފައިވަނީ 'ބޮޑު ބަދަލު’ގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަން ފެންނަ އަސާސީ ބަދަލުތަކަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ "މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ކަމަށެވެ.
"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،"
ނަޝީދު އަދި ފައްޔާޒު ހުށަހެޅުއްވި ކަންކަމުގައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުންނެވެ.
އެގޮތުން ސަރުކާރު ހިންގާނެ ފަރާތެއް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވަނީ ހުށަހަޅާފައެވެ.





