ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނެރުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
މިކަން އިޢުލާން ކުރައްވާފައިވަނީ 'ބޮޑު ބަދަލު’ގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަން ފެންނަ އަސާސީ ބަދަލުތަކަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
މި ހުށަހެޅުމުގައިވާ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ސަރުކާރު ހިންގާނެ ފަރާތެއް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވަނީ ހުށަހަޅާފައެވެ. ނަޝީދު ވިދާޅުވީ، މި ގެންނަ ބޮޑު ބަދަލުގެ ތެރެއިން ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ފައްޔާޒް އިސްމާއީލް ކުރިމަތިލެއްވުމަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
ނިޒާމަށް ގެންނަން ހުށަހެޅި އިތުރު ބަދަލުތަކުގެ ތެރޭގައި:
- ދައުލަތުގެ އެންމެ މަތީވެރިޔާ (ރައީސުލްޖުމްހޫރިއްޔާ) ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫން ކަމަށާއި، އެ ބޭފުޅަކު އައްޔަންކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ކަނޑައެޅުން.
- ނަމަވެސް، އެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ހަމަޖެއްސުން.
މި އިސްލާހުތައް ގާނޫނުއަސާސީއަށް ގެނައުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯއްދަވާނެ ކަމަށް ފައްޔާޒާއި ނަޝީދު ވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބަދަލުތައް ގެންނަން 2028 އާ ހަމައަށް މަޑުކުރަން ބޭނުންފުޅު ނުވާ ކަމަށާއި، އަންނަ ހަފުތާގައި ވެސް މިކަން ކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށްޓަކައި ސީދާ ހަރަކާތަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





