ކައުންސިލް އިންތިހާބުގައި ލިބުނީ ބީ ރިޕޯޓެއް: ޝިޔާމް

ކައުންސިލް އިންތިހާބުގައި ލިބުނީ ބީ ރިޕޯޓެއް: ޝިޔާމް

އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި އިންތިހާބަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ފެއްޓެވީ އޭ ރިޕޯޓެއް ހޯއްދަވަން ބޭނުންފުޅުވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި ފެނިގެންދިޔައީ މާލިއްޔާއިން ވައްކަންކުރީމަ ވެސް ވަޒީރުކަމުން ވަކިކުރަން ނުކުރެގެން އުޅުނު މަންޒަރު ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ފަރާތުން އެ ފެންނަނީ މުޅީން ތަފާތު މަންޒަރެއް ކަމަށެވެ.

އިންތިހާބަށްފަހު މޮޅުވީތޯ ވެސް އެއީ ކުރަމުންދާ ސުވާލެއް ކަމަށާއި ބޭނުންވި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނީ ބީ ރިޕޯޓެއް ކަމަށެވެ. އަދި ރައީސް ބަދަލުތައް އެ ގެންނަވަނީ އޭ ރިޕޯޓެއް ބޭނުންފުޅުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓުލައި ފެނިގެންދިޔައީ މި ނިޒާމަށް ރައްޔިތުން ތާއީދުކުރާ މިންވަރު ކަމަށާއި ވެރިކަމުގައި ހުންނަވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއަށް އަތްނުބާނާކަން ރައްޔިތުންނަށް މިހާރު ފެނިފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާއެކު ޕީއެންސީ މެންބަރެއްގެ ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް، ކޯޓަށް އަތްނުބާނާކަން ވެސް ސާފުވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ނިޒާމުތަކުގެ ތެރެއަށް އަތްބާނައިގެން ރައްޔިތުންގެ އިތުބާރު ގެއްލިގެން ގޮސްފައިވަނިކޮށް، އެ އިތުބާރު މިހާރު އަނބުރާ ލިބެމުންދާ ކަމަށާއި ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަންކަން ރަނގަޅުކުރައްވަން އެނގިވަޑައިގަންނަވާ ވެރިއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އިންތިހާބާ ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެންނެވުމުގެ ބަދަލުގައި އެ މަނިކުފާނު މަސައްކަތްކުރެއްވީ ދަރަނިތައް ދައްކަވައި ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށާއި އެކަން އެ މަނިކުފާނު ފުރިހަމަކުރައްވާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *