ވީއެންމެ އަވަހަކަށް އަބުރުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެޓާނީޖެނެރަލްގެ އޮފީހަށް އަންގައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރު އަމަލު ކުރަން ފެށީއްސުރެ، ހަދާންޖެހޭ ގާނޫނު ތަކުގެ ތެރެއިން ބައެއް ގާނޫނުތައް ހެދިފައި ނުވާތީ، އެ ގާނޫނުތަކުގެ ބަދަލުގައި، އެ ގާނޫނުތަކާ ގުޅޭ ގަވައިދުތަކަކަށް ގާނޫނީބާރުދީގެން "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"ގެ ގޮތުގައި މިހާތަނަށްވެސް އަންނަނީ އަމަލު ކުރަމުންނެވެ.
ނަމަވެސް އޭގައި ހިމެނޭ ގަވާއިދަކާ ގުޅޭ ގާނޫނެއް މަޖިލީހުން ފާސްކޮށްފިނަމަ، އެގަވާއިދެއް އެ ގާނޫނުން އުނިކޮށް، ދެހުރި ގާނޫނުތައް ހިމަނަގައިގެން، "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުުރުމުގެ މުއްދަތު ކުރިއަށް އޮންނަ އަހަދު ދުވަަހަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ އިތުރު ކުރަމުންނެވެ.
އެގޮތަށް "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުރަން މަޖިލީހުން ފާސްކުރި އެއް އަހަރު ދުވަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި އެ ގާނޫނުގައި މިހާރު ނުހެދި ހަމައެކަނި އޮތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދާބެހޭ، އަބުުގެ ގާނޫނެވެ.
އެހެންކަމުން މި މަސް ނިމުމުގެ ކުރިން އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އަބުރުގެ ބިލު މަޖިލީހަށް ފޮނުވޭނެ ދުވަހަކާބެހޭ މައުލޫމާތު މަޖިލީހަށް ފޮނުވުމަށް ކޮމިޓީން އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގިއެވެ.
ޖަވާބުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު އަންނަ ޖޫންމަހުގެ ތެރޭގައި ބިލު މަޖިލީހަށް ފޮނުވަން ވިސްނަވާ ކަމަށެވެ.
އެ ޖަވާބާ ގުޅިގެން، އެބިލް ވީ އެންމެ އަވަހަަކށް މަޖިލީހަށް ފޮނުވަން އެޓަނީ ޖެނެރަލް އޮފީހަށް އެންގުމާއެކު، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމަށްޓަކައި، "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކުރަން ކޮމިޓީން ފާސްކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މި މައްސަލައިގައި ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުން ވެސް ފާސްކުރީ އެ ބިލު ވީ އެންމެ އަވަހަކަށް މަޖިލީހަށް ފޮނުވުމަށް، އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމާއެކު "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު"އަށް އަމަލު ކުުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.





