ލޯކަލް ގަވަމެންޓް މިނިސްޓްރީގައި ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށާއި ސަރުކާރަށް އެދެނީ ކާމިޔާބީ ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވުނީތީވެ، ވަރަށް ހިތްހަމަޖެހޭ ކަމަށާއި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނީ ހިތްހަމަޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި ކައުންސިލްތަކާއެކު ރަނގަަޅު ގުޅުމެއް ބޭއްވުނީތީ އުފާކުރާ ކަމަށާއި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވި އެވެ.
"ވުޒާރާއަށާއި ސަރުކާރާއި ދިވެހި ޤައުމަށް އެދެނީ ފުރިހަމަ ކާމިޔާބީއަށް. ކުރިއަށް ދިވެހި ޤައުމު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފްއާއެކު ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.





