ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ނާއިބު ލީޑަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެބޭފުޅުންގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން މެންބަރު އައްބާސް މިކަމަށް ގޮވައިލެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް މިމަހުގެ ހަތަރުވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓާބެހޭގޮތުން ފަލާހު އާއި ޝުޖާ ދެއްކި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ފަލާހާއި ޝުޖާއަށް ނިސްބަތް ކުރައްވައި އައްބާސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ރައީސް މުއިއްޒަށް ކިޔައިދީ ހަގީގަތާ ހިލާފް ވާހަކަ ދެއްކުުމުގެ ބަދަލުގައި، ރައީސް މުއިއްޒަށް ސިޔާސީ ދޯކާދޭ ބަޔަކު ޕީއެންސީގެ ޕީޖީގްރޫޕުގެ ތެރޭގައި އެބަތިބިކަމަށެވެ. ރަނގަޅު ވާހަކަ ދެއްކުމުގެ ބަދަލުގައި އެފަަ މީހުންގެ ބޭނުމަކީ ކުރީ ސަރުކާރުގެ ވައްކަމުގެ ވާހަކަ ދައްކައިގެން ދައުލަތުން ފައިސާތަކެއް ލޫޓުވާލުން ކަމަށްވެސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ރައީސް މުއިއްޒުގެ ނިޔަތް ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި، އެމަނިކުފާނު މަޖިލީހަށް ފޮނުއްވާ ބިލުތައްވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ޕީޖީ ގްރޫޕުގެ ބަޔަކު ދޮގާއި މަކަރު ހަދައި އެމަނިލުފާނަށް އޮޅުވާލަމުން ގެންދާ ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނަށް ހަގީގަތް ކިޔައިދީ، ރަނގަޅު މީހުންނާ ނުބައިމީހުން އޮޅުންފިލުވައި ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އަރިއަހުން އައްބާސް އެދިވަޑައިގެންނެވިއެވެ.
އައްބާސް ވިދާޅުވީ ފަލާއި ޝުޖާއުގެ ވާހަކަތައް މިހާރު ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުން އެކަން ހާމަވާ ކަމަށާއި، އެ ވޯޓުގައި 70 ޕަސެންޓްގެ ބޮޑު ތަފާތަކުން ސަރުކާރަށް ނާކާމިޔާބު ވުމަކީ ގައުމެއްގެ ހަޔާތުގައި ލަދުގަންނަންޖެހޭ މިންވަރެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ފަލާހާއި ޝުޖާ ޕީޖީ ލީޑަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި ކަން ކުރެވޭ މެންބަރުންތަކަކާ އެ މަގާމު ހަވާލު ކުރުމަށް އައްބާސް ގޮވައިލެއްވިއެވެ.





