މިމަހު ހަތަރުވަނަދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އންތިހާބު ތަކާއި، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުގެ ތެރެއިން، ފެންނަ ނުފެންނަ ވޯޓުން ނިކުން ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުން ނޫން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދާ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ އިންތިހާބުތަކުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަންވެސް ކުރެއްވި ފަލާހު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކީ، ސަރުކާރަށް ތާއީދު އޮތްތޯ، ނުވަތަ ނެތްތޯ އެހި ވޯޓެއްނޫން ކަމަށެވެ. އަދި އެއީ ރައްޖޭގެ ނިޒާމަށް ގެންނަން ފެންނަ ބަދަލެއް، ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ރައްޔިތުންކުރެން އެހި ވޯޓެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ރެފަރެންޑަަމަކުން ބުނެއެއްނުދޭ އެއީ ރައީސް މުއިއްޒަކަށް، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނިކަމަކަށް،"
އެއީ ރައީސް މުއިއްޒަށް ތާއީދު އޮތްތޯ، ނުވަތަ ނެތްތޯ އެހި ވޯޓެއްނަމަ ހުރިހާ ރައްޔިތުން ވޯޓޫ ދޭނީ ޕީއެންސީއަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ތަކާއި ޑަބްލިއުޑީސީތަކުގެ އިންތިހާބުގައި ބޮޑެތި ސިޓީތަކުން ބޮޑު ކާމިޔާބެއް އިދިކޮޅު އެމްޑީޕީއަށް ލިބިފައިވާއިރު، ފެންނަ ނުފެންނަ ވޯޓުގައިވެސް، ބޮޑު ތަފާތަކުން ގިނަ ބަޔަކު ވޯޓު ބުނީ އިދިކޮޅުން ކުރި ކެމްޕެއިނާ އެއްގޮތަށް ނޫނެކޭއެވެ. އެ ވޯޓުގައި ޕީއެންސީ ކެމްޕެއިން ކުރީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެންނަ ކަމަށް އާއެކޭ ޖެހުމަށެވެ.





