16 އަހަރަށްފަހު ހަންގޭރީގެ ވިކްޓަރ އޯބަން އިންތިޚާބުން ބަލިވެއްޖެ

16 އަހަރަށްފަހު ހަންގޭރީގެ ވިކްޓަރ އޯބަން އިންތިޚާބުން ބަލިވެއްޖެ

ހަންގޭރީގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު އާންމު އިންތިޚާބުގެ ކުރީގެ ނަތީޖާތަކުން ދައްކާގޮތުން، ވޭތުވެދިޔަ 16 އަހަރު އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ވިކްޓަރ އޯބަން ބަލިވެވަޑައިގެންފިއެވެ. އިދިކޮޅު ތިސްޒާ (Tisza) ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތެއް ހޯދާފައެވެ.

ނޭޝަނަލް އިލެކްޝަން އޮފީހުން (NVI) ހާމަކޮށްފައިވާ ގޮތުގައި، ވޯޓުގެ ދެބައިކުޅަ އެއްބައި ގުނާ ނިމުނުއިރު، ޕީޓަރ މަގްޔާރު އިސްކޮށް ހުންނަވާ ތިސްޒާ ޕާޓީން ވަނީ މަޖިލީހުގެ 199 ގޮނޑީގެ ތެރެއިން 135 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ދައްކާފައެވެ. އޯބަންގެ ފިޑޭޒް (Fidesz) ޕާޓީއަށް ލިބޭނެ ކަމަށް ބެލެވެނީ 57 ގޮނޑިއެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ވާހަކަދައްކަވަމުން އޯބަން ވިދާޅުވީ، "އިންތިޚާބުގެ ނަތީޖާ އަދި މުޅިން ފައިނަލް ނުވި ނަމަވެސް، މަސްރަހު އޮތްގޮތް ވަރަށް ސާފު. ވެރިކަން ކުރުމުގެ ފުރުސަތާއި ޒިންމާ އަޅުގަނޑުމެންނަށް މިފަހަރު ލިބިފައެއް ނުވޭ. އަޅުގަނޑު ވާނީ މޮޅުވި ފަރާތަށް މަރުހަބާ ކިޔާފައި"

މި ނަތީޖާއާއެކު ހަންގޭރީގެ އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ތިސްޒާ ޕާޓީގެ ލީޑަރު ޕީޓަރ މަގްޔާރުއެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ބާރުގަދަ ވެރިކަމެއް ކުރައްވަމުން ގެންދެވި އޯބަންއަށް ލިބުނު ކުއްލި ޝޮކެކެވެ. އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް އޯބަންގެ މަގުބޫލުކަން ދަށްވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވިކްޓަރ އޯބަންއަކީ ދުނިޔޭގެ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ މެދުގައި މަގުބޫލު، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެކެވެ. އިންތިޚާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅު އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވެސް ވަނީ ބުޑަޕެސްޓަށް ވަޑައިގެން އޯބަންއަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. ވެންސް ވަނީ އޯބަންއަކީ މުޅި ޔޫރަޕަށް ނަމޫނާއެއް ކަމަށް ސިފަކުރައްވާފައެވެ.

އޯބަންގެ މި ނާކާމިޔާބީއަކީ ހަމައެކަނި ހަންގޭރީގެ ސިޔާސަތަށް އަންނާނެ ބަދަލެއް ނޫން ކަމަށާއި، މީގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (EU) އާއި ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ޚާއްސަކޮށް އޯބަން ގެންގުޅުއްވި "އިލިބަރަލް ޑިމޮކްރަސީ" ގެ ފިކުރަށް މިއީ ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *