މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ހޮސައިން 30، އާއި އެމްޑީ މެހެދި ހަސަން 34، އާއި އެމްޑީ ޝާ އަލަމް 39، އާއި ސާފިފް ހަސަން 38، އާއި ރަސަލް 20، އެވެ.
މިދިޔަ މާޗްމަހު ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖެހިއެވެ.
ނަމަވެސް އެ 15 ދުވަހުގެ މުއްދަތު ހަވާތީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލްކޯޓަށް ހާޒިރު ކުރުމުން އެމްޑީ ހޮސައިން ފިޔަވައި ދެންތިބި މީހުންގެ ބަންދުގެ މުއްދަތު އިއްޔެއިން ފެށިގެން އިތުރު 15 ދުވަހު ބަންދުގައި ބެއިތިއްބުލަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ކަމުގައި އެންމެ އިސްކޮށް އުޅުނު އެމްޑީ ހޮސައިން ގެ ބަންދު ވަނީ 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ރަހީނުކުރި މީހާ ސަލާމަތްކުރަން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ.
އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލައިއެވެ.





