ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީއިން ހޯދި ފާހަގަކޮށްލެވޭ ފުރިހަމަ ކާމިޔާބީއަކީ އެ ޕާޓީގެ ސަޕޯޓަރުންނާއި މެންބަރުންނަށް އާ ދިރުމަކާއި އާ އުއްމީދެއް ގެނުވި ކަމެކެވެ.
ސިޔާސީ މަސްރަޙު ބަދަލުވަމުން ދިޔަ ދަނޑިވަޅެއްގައި، ޕާޓީގެ ސަފުތައް ބަދަހިކޮށް، އިންތިހާބީ ކާމިޔާބީއަކަށް މަގުކޮށައި ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޕާޓީގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މި އިންތިހާބަކީ އެމްޑީޕީގެ ފިކުރު ދިރުވައި، ރައްޔިތުންގެ އަޑު އިއްވުމަށް ލިބުނު ރަން ފުރުސަތެއްގެ ގޮތުގައި ބައްލަވައިގެން ޝާހިދު ދެއްކެވީ ނަމޫނާ ހިތްވަރެކެވެ. ކެމްޕޭންގެ ކުރީކޮޅުން ފެށިގެން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަންދެން، އެމަނިކުފާނު ހުންނެވީ ވަރުބަލި ކަމެއް ނެތި ސީދާ އަމަލީ މައިދާނުގައެވެ. މިގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުން، އިރުމައްޗާއި ހުޅަނގުން 100 އަށްވުރެ ގިނަ ރަށްރަށަށް ޝާހިދު ވަނީ ވަޑައިގެންފަ އެވެ. ބައެއް ރަށްރަށް އެއްފަހަރަށްވުރެ ގިނަ ފަހަރުއެވެ.
ކޮންމެ ރަށަކަށް ވަޑައިގެންވެސް ޝާހިދު ފާހަގަވީ ރައްޔިތުންނާ ގާތުން ބައްދަލު ކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވި ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް، ބަރަކާތްތެރި ރަމަޟާން މަހުގެ ހޫނުގަދަ ދުވަސް ތަކުގައިވެސް އެމަނިކުފާނުގެ މަސައްކަތްޕުޅަކަށް އެއްވެސް މަޑުޖެހުމެއް ނައެވެ. ރޯދައަށް ހުންނަވައިގެން ދުވާލުގެ ދިލަ ހޫނުގައި ރަށްރަށުގެ މަގުތަކުގައި ހިނގުމާއި، ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ޖަގަހަ ބައްދަލުވުން ތަކުގައި ބައިވެރިވެވަޑައިގަތުމަކީ ޕާޓީގެ އާންމު މެންބަރުންގެ ހިތްތަކުގައި ޕާޓީއަށް އޮތް ލޯބި އިތުރުވެ، ހިތްވަރު ގަދަވެގެން ދިޔަ ކަމެކެވެ.
ޝާހިދުގެ މި ކެމްޕޭން ދަތުރުފުޅުތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. މި އިންތިހާބަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ "ރިފަރަންޑަމް" އެއްގެ ގޮތުގައި ސިފަކުރައްވައި، ސަރުކާރުގެ ނިންމުންތަކަށް "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް އެމަނިކުފާނު ވަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ބަޔާން ކޮށްދެއްވާފައެވެ.
ހާއްސަކޮށް، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ތެދުވުމަށް ޝާހިދު ގޮވާލެއްވިއެވެ.
ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމަށާއި، ރަށްރަށުގެ ތަރައްގީގެ ބާރުވެރިކަން ރައްޔިތުންގެ އަތްމަތީގައި ބޭއްވުމަށްޓަކައި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ މުހިންމުކަން އެމަނިކުފާނު ދިޔައީ ކޮންމެ ރަށެއްގައިވެސް ތަކުރާރު ކުރައްވަމުންނެވެ.
މި ކެމްޕޭނުގައި ޝާހިދު ދެއްކެވި ސާބިތުކަމާއި، ޕާޓީގެ ލީޑަޝިޕާއި، މެންބަރުންނާއި، ސަޕޯޓަރުން އެކަތިގަނޑަކަށް ހެއްދެވުމަށް ކުރެއްވި މިންނެތް މަސައްކަތަކީ މިއަދު ލިބުނު ފޮނި ކާމިޔާބުގައި ދައްކާލަން ރަނގަޅު ވާހަކައެކެވެ.
ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދެއްކެވި ހިތްވަރާއި، ރައްޔިތުންނާ ގާތުން ބޭއްވި ގުޅުމަކީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ފާހަގަކޮށްލެވޭނެ އާ ބާބެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ އިތުރުން މާލޭގެ ހުރިހާ އަވަށްތަކާއި ދާއިރާތަކާއި ހުޅުމާލޭގައި ކުރިއަށްދިޔަ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕާޓީއަށް ގޮނޑިތައް ހޯދައިދީ، ނޫނެކޭއަށް ބުނަންޖެހޭ ސާބަބުތައް ރައްޔިތުން އޮޅުންފިލުވައި ދެއްވި އެވެ.
މިއަދު އެމްޑީޕީން މި ހޯދި ކާމިޔާބީއަކީ މުޅި ޕާޓީގެ ރޫހު އާލާވެ، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ. މި މަސައްކަތުގައި ޝާހިދު ދެއްކެވި ހިތްވަރަށްޓަކައި ޕާޓީގެ އެންމެހައި މެންބަރުން އަންނަނީ އެމަނިކުފާނަށް ޝުކުރާއި ތައުރީފު އަދާކުރަމުންނެވެ.





