ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް އެމަނިކުފާނުގެ ކުރީގެ ޕޮލިޓިކަލް އެޑްވައިޒަރު އަޙްމަދު ތައުފީޤު (ޓޯޕީ) ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދުގެ ގާތް އެކުވެރިޔާ ތައުފީޤު މިހެން ވިދާޅުވީ، ރައީސް ވަހީދުގެ ތާއީދު އޮތީ އެހެން ސިޔާސީ ލީޑަރަކަށް ކަމަށާއި، ޕީއެންސީއަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ތައުފީޤު ވިދާޅުވީ ރައީސް ވަހީދަކީ އޭނާ ވަރަށް ގާތުން ދަންނަ، އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅު ރަނގަޅަށް އެނގޭ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ މި ޤައުމު ބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައި ސުންނާފަތި ވެގެން ދަނިކޮށް، ޤައުމު ސަލާމަތް ކުރެއްވި ވަރުގަދަ ޤައުމީ ބަތަލެއްގެ ގޮތުގައި ތައުފީޤު ސިފަކުރެއްވިއެވެ. އަދި ރައީސް ވަހީދަކީ އެމްޑީޕީގެ "ނުލަފާ" ވަކިތަކުން ޤައުމު ސަލާމަތްކޮށް، ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދެއްވި ހިތްވަރުގަދަ ލީޑަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ތައުފީޤު ފާހަގަކުރެއްވި ގޮތުގައި، ރައީސް ވަހީދު އަބަދުވެސް އިސްކަންދެއްވަނީ ޤައުމުގެ ހަމަޖެހުމަށާއި ތަރައްޤީއަށެވެ. އެހެންކަމުން، ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، ޕީއެންސީން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަހީދުގެ ފުރިހަމަ އެއްބާރުލުން އޮތްކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ރައީސް ވަހީދާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ ސިޔާސީ ގޮތުން ފިތުނަ އުފެއްދުމަށް ކަމަށް ތައުފީޤު ތުހުމަތު ކުރެއްވިއެވެ. އަދި މިފަދަ ވާހަކަތަކަށް ރައްޔިތުން ސަމާލުނުވުމަށާއި، ރައީސް ވަހީދު ހުންނެވީ ސާބިތުކަމާއެކު މި ސަރުކާރާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ މައި ދެ ތަނބުގެ ގޮތުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއެކު، ޤައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ކުރީގެ ރައީސުންގެ ތަޖުރިބާއާއި އިރުޝާދު މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެވެއެވެ.





