ނައުއްޓެ މަރާލިކަމުގެ ކުށް ފައިހް އާއި ސިރުހާނުގެ މައްޗަށް ސާބިތެއްނުވި

ނައުއްޓެ މަރާލިކަމުގެ ކުށް ފައިހް އާއި ސިރުހާނުގެ މައްޗަށް ސާބިތެއްނުވި

މާފަންނު ކްރާސާ ފިހާރަ ތެރޭގައި ހުއްޓާ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައިގައި ދައުލަތުން ދައުވާކުރި ދެމީހުން ކަމަށްވާ، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ދެ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އަންނާނެ އަދަބަކީ މަރުގެ އަދަބެވެ. މި ދައުވާއަށް އެ ދެމީހުންވެސް ވަނީ އިންކާރު ކޮށްފައެވެ.

މި ދައުވާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުގެ އެނަލިސިސް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓަކީ ހަމަލާދިން މީހުންނަކީ ދައުވާލިބޭ ދެ މީހުން ކަމަށް ކަށަވަރުކަމާއެކު ނިންމޭނެ މިންވަރުގެ ރިޕޯޓެއް ނޫން ކަމަށެވެ.

ހަމަލާދިން މީހުން ފަހުން މަގުމަތީގައި ހަރަކާތްތެރިވާ ވީޑިއޯއެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ވީޑިއޯގައި އެ މީހުން ތިބީ ތަފާތު ހެދުމެއްގައި ކަމަށް ވާއިރު، ބައެއް މީހުންގެ މޫނު ސާފުކޮށް ނުފެންނާތީ ދައުވާލިބޭ މީހުންނާ އެކަން ގުޅުވެން ނެތް ކަމަށްވެސް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ހާދިސާއަށް ފަހު، ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއަކުން ނެގި ވީޑިއޯ ފުޓޭޖެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް، އެ ފުޓޭޖްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ.

އަދި އެކަން އެގޮތަށް ހިނގި ސަބަބެއް ދައުލަތަށް ބުނެ ދެވިފައި ނުވާތީ އެއީ އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖެއްކަމާމެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެ ފިހާރައިގެ ކައުންޓަރަކުން ފައިހާއި އިތުރު މީހެއްގެ އިތުރުން ނިޔާވި މީހާގެ ޑީއެންއޭ ފެނިފައި ވިޔަސް، އެކަމަށް އެކަނި ރިއާޔަތްކޮށް އެ ހާދިސާއާ ފައިހް ގުޅުވޭނެ ހެއްކެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައިވަނީ އެ ޑީއެންއޭއަކީ އެތައް އަހަރެއް ވަންދެންވެސް އެ ތަނުގައި ހުރެދާނެ އެއްޗެއް ކަމަށް ޑީއެންއޭ ތަހުލީލް ކުރި ފަރާތުން ބުނެފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ. އެހެން ކަމުން ފައިހްގެ ޑީއެންއޭ އެތަނަށް ނަގުލުވި މުއްދަތު އެނގެން ނެތުމަކީ އެ ހާދިސާގައި އެތަނަށް ނަގުލުވި ޑީއެންއޭއެއް ކަމާމެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެތަނުން ކާކުކަން ނޭނގޭ ތިން ވަނަ މީހެއްގެ ޑީއެންއޭ ފެނިފައިވާތީ، އެ ކުށްކުރީ ތިން ވަނަ މީހެއް ކަމަށްވެސް ބެލުމުގެ ފުރުސަތު އޮތްކަން ހުކުމުގައި ވެއެވެ.

މީގެ އިތުރުންވެސް އިތުރު ކަންކަން ފާހަގަ ކުރައްވައި، ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމްގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *