ހުސްވި އަހަރު ބޭއްވި ސްވިމިންގ މުބާރާތެއް ޕީއެސްއެމްގެ ޕްރޮގްރާމްތަކުގައި ދައްކަން އަންގައިފި

ހުސްވި އަހަރު ބޭއްވި ސްވިމިންގ މުބާރާތެއް ޕީއެސްއެމްގެ ޕްރޮގްރާމްތަކުގައި ދައްކަން އަންގައިފި

މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ގައުމީ ފެތުމުގެ މުބާރާތް، "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025″ ޕްރޮގްރާމް ތަކުގައި ދައްކައިދިނުމަށް ސިވިލްކޯޓުން ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް އަންގައިފިއެވެ.

މިގޮތަށް ޕީއެސްއެމްއަށް އެންގީ ޕީއެސްއެމްއާ ދެކޮޅަށް ސްވިމް މޯލްޑިވްސް އިން ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.   މި ދައުވާއަކީ، ސްވިމް މޯލްޑީވްސް އިން އިންތިޒާމު ކޮށްގެން ބޭއްވި "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025″ ފެތުމުގެ މުބާރާތުގެ މީޑިއާ ޕާޓުނަރަކަށް ޕީއެސްއެމް ހަމަޖެއްސުމާބެހޭ ގޮތުން އެ ދެފަރާތުގެ ދެމެދުގައި 19 މެއި 2025 ގައި ވެފައިވާ އެއްބަސްވުމާ، ޕީއެސްއެމް ހިލާފްވެގެން ހުށަހެޅި ދައުވާއެކެވެ.

މި ދައުވާގައި، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ޕީއެސްއެމްއަށް އެންގުމަށާއި، އެއްބަސްވުމާއި ހިލާފަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސްވިމް މޯލްޑިވްސް އިން ވަނީ އެދިފައެވެ.

އެގޮތުން ޕީއެސްއެމް ލޯގޯ ހިމަނައިގެން މުބާރާތުގެ ބެނާގެ ބެކްޑްރޮޕް ޕްރިންޓް ކުރުމާއި އެކަމާގުޅޭ އެހެނިހެން ކަންކަމަށް ހަރަދުވި 14511 ރުފިޔާ އާއި، އެ އިވެންޓް ލައިވް ކޮށްފައި ނުވާތީ، އެ އިވެންޓް ކުރުމަށް ހިނގާ ހަރަދުގެ ގޮތުގައި6 ލައްކަ ރުފިޔާގެ އިތުރުން، އިވެންޓް ލައިވް ކުރުން ފަދަ ވަގުތު ފާއިތުވުމުން އަމަލު ނުކުރެވޭނެ ޒިންމާތައް އަދާނުކޮށް އޮތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއްމިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 350،000 ރުފިޔާ ނަގައިދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުންވެސް ބައެއް ކަންކަން ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

ދެފަރާތުގެ ހުށަހެޅުންތަކާއި، ދެއްްކި ވާހަކަތަކަށް ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ދެފަރާތުގެ ދެމެދުގައި ވި އެއްބަސްވުމާ ޕީއެސްއެމްއިން ހިލާފު ވެފައިވާކަމަށް ކަނޑައަޅާކަމަށެވެ.

އެ އެއްބަސްވުމުގައި ވާގޮތުގެ މަތިން "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025″އާ ގުޅޭގޮތުން ޕީއެސްއެމްއަށް ލިބުނު ސްޕޮންސާ ޝިޕާބެހޭ ހުރިހާ މައުލޫމާތަކާއި، އެ ސްޕޮންސާތައް ހޯދުމަށްކުރި މަސައްކަތްތަކާއި، ސްޕޮންސަރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލްތައް މި އޭޕްރީލް ކަމުގެ 12 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށް ސްވިމް މޯލްޑިވްސް އާ ހިއްސާ ކުރުމަށް ވެސް ވަނީ އަންގައިފައެވެ.

"ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025″ ގައި ފެތި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައުލޫމާތުތަކާއި، ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިން ހިމެނޭހެން ހާއްސަ ފެތުންތެރިންނާބެހޭ މައުލޫމާތުތަކާއި ޕްރޮފައިލްތައް، ޕީއެސްއެމްގެ ޕްރޮގްރާމްތަކުގައި ގެނެސްދީގެން ދިވެހި ރާއްޖޭގެ، ފެތުމާއި މޫދު ކުޅިވަރު އާލާކޮށް ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ގޮތުގައި ކުރަންޖެހޭ ކަންކަން އަންނަ މެއި މަހުގެ 15 ގެ ނިޔަލަށް ކޮށްނިންމުމަށްވެސް ޕީއެސްއެމްއަށް ވަނީ އަންގައިފައެވެ.

މީގެއިތުރުން މި ގަޒިއްޔާގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި ނުކުތާތަކާއި މި ގަޒިއްޔާގެ ފަރުވާގެ ގޮތުގައި، އެއްްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައިވާ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ (ބ) އަދި (ޅ)  ގައިހުރި ކަންކަން ފިޔަވާ އެއްބަސްވުމުގެ ހަ ވަަނަ މައްދާގައި ބާކީ ހުރި ކަންކަމަކީ އޭގެ ޒާތުން މިވަގުތު ތަންފީޒު ނުކުރެވޭނެ ކަންކަން ކަމުގައި ފާހަގަ ކުރެވޭތީ. އެކަންކަމާގުޅޭ ގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުރުމުގެ އިހްތިޔާރު ސްވިމް މޯލްޑިވްސް އަށް ލިބިގެންވާ ކަމަށްވެސް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *