ދަތްގަނޑު ދަށުވެ މީހަކު މަރުވި މައްސަލަ:ހައްޔަރު ކުރި މީހާ އިތުރު 20 ދުވަހަށް ބަންދު

ދަތްގަނޑު ދަށުވެ މީހަކު މަރުވި މައްސަލަ:ހައްޔަރު ކުރި މީހާ އިތުރު 20 ދުވަހަށް ބަންދު

ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެ، އިތުރު 20 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ. ތިލަފުށިން ގެއްލިގެން ހޯދަމުން ދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32އ އެވެ.

އެއިރުން ފެށިގެން އޭނާގެ ބަންދުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ކުރި ބަންދު އަމުރުގައިވާ ގޮތުން ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކުރަނީ، އޭނާ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު ނިޔާވެފައިވާ މައްސަލައެއްގައެވެ. އަދި ހެއްކެއްގެ ބަޔާނަށް ބަލާއިރު މީނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެއެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަމީން މިއާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *