އިއްޔެ ބޭއްވި ތިން އިންތިހާބުގައި 73 އިންސައްތަ މީހުން ވޯޓްލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
ވޯޓްލުމުގެ ހައްގު ލިބިފައިވާ 253،714 މީހުންގެ ތެރެއިން ޖުމްލަ 214،898 މީހަކު ވޯޓްލާފައިވާ ކަމަށް އީސީން ހާމަ ކޮށްފައިވެއެވެ. ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކާ އަޅާ ބަލާއިރު، 2011 ގައި 70 އިންސައްތަ، 2014 ގައި 65 އިންސައްތަ، 2017 ގައި 66 އިންސައްތަ، އަދި 2021 ގައި 68 އިންސައްތަ ވޯޓްލިއެވެ. މިއާ އެކު، 73 އިންސައްތަ ވޯޓްލި މި ފަހަރަކީ ތާރީހީ ގޮތުން ކައުންސިލް އިންތިހާބެއްގައި ވޯޓްލި ނިސްބަތް އެންމެ ބޮޑު ފަހަރެވެ.
ނަތީޖާ ދައްކާ ގޮތުން، ފަސް ސިޓީގެ މޭޔަރުކަމުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި ޕީއެންސީއަށް ކައުންސިލު ތަކުގެ 252 ގޮނޑި ކާމިޔާބު ކުރެވިފައިވެއެވެ. އެމްޑީޕީއަށް 221 ގޮނޑި ކާމިޔާބު ކުރެވިފައިވެއެވެ. އަދި މިނިވަން ކެންޑިޑޭޓުންނަށް 74 ގޮނޑި ކާމިޔާބު ވެފައިވެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްްކުރާ ކޮމިޓީތަކަށް ބަލާއިރު ޕީއެންސީއަށް 167 ގޮނޑި ކާމިޔާބު ކުރެވުނުއިރު، އެމްޑީޕީއަށް 145 ގޮނޑި ކާމިޔާބު ކުރެވިފައިވެއެވެ. އަމިއްލަ ގޮތުން ވާދަކުރި 49 ކެންޑިޑޭޓަކަށް ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބު ކުރެވުނެވެ. މިއީ މިވަގުތުގެ ވަގުތީޖާއިން ދައްކާ ގޮތެވެ.





