މިއަދު ބޭއްވުނު އިންތިޚާބުގެ ނަތީޖާއާއެކު މުޅި ރާއްޖެ އަލުން "ރަންރީނދޫ" ވެގެންދިޔަ މަންޒަރު ފެނިގެން ހިނގައްޖެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއަދު ފެނިގެން މިދިޔައީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތުތަކަށް ރައްޔިތުން ނުރުހޭކަމުގެ ސާފު މެސެޖެއް ކަމަށެވެ.
އަދި މިއީ ސަރުކާރުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުރުހުން ހާމަވެގެންދިޔަ ދަނޑިވަޅެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
މި ކާމިޔާބީ ފާހަގަކުރައްވަމުން ޝާހިދު ވަނީ އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނަށާއި، ކެންޕެއިން ޓީމުތަކަށް، އަދި "ރަންރީނދޫ ލަޝްކަރު" ގެ ނަމުން މަޝްހޫރުވެފައިވާ އެ ޕާޓީގެ ހަރަކާތްތެރިންނަށް އައްސަރިބަހުން ސާބަސް ދަންނަވާފައެވެ.
އަދި މި މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ ވިންދާއި، ޚިޔާލާއި، މަޝްވަރާއާއެކު ރައްޔިތުންގެ ޚިދުމަތުގައި،" ޝާހިދު ވިދާޅުވިއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ގިނަ ދާއިރާތަކަކުން އެމްޑީޕީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާ ކަމުގެ ނިޝާނެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.





