ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގައި މިހާތަނަށް ވޯޓު ލާފައިވަނީ 131،947 މީހުން ކަމަށް އީސީން ބުނެފި އެވެ.
އީސީން ބުނީ މިހާތަނަށް ވޯޓު ލާފައިވަނީ 44.75 ޕަސަންޓް މީހުން ކަމަށެވެ.
ވޯޓު ނުލާ މީހުންގެ އަދަދަކީ 162،929 ކަމަށާއި، އެއީ 55.25 ޕަސަންޓު ކަމަށް އީސީން ބުންޏެވެ.
ވޯޓުލުން ކުރިއަށްދާނީ، މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.
ވޯޓު ގުނުމުގައި، ފުރަތަމަ ގުނާނީ ކައުންސިލަށް އައްޔަނު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ، އެންމެ ފަހުންނެވެ.
އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަނީ، އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓައެވެ.
މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އަމީނިއްޔާ ސްކޫލުގައެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.
އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓައެވެ.
އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެއެވެ. ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެއެވެ.
ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު:* ޖުމުލަ 294،876 މީހުން* ފިރިހެން – 150،370* އަންހެން – 144،506
އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅިއެވެ. ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު 82 ކެންޑިޑޭޓުން ވަނީ، އިންތިޚާބަކާ ނުލައި ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި އިންތިޚާބުގައި ވާދަކުރާނީ، 2،845 ކެންޑިޑޭޓުންނެވެ.





