ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.
މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އަދި ފެންނަ ނުފެންނަ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްދު ސޯލިހު ވޯޓުލައްވައިފި އެވެ. އެ މަނިކުފާނު ވޯޓުލައްވާފައި ވަނީ ޅ.ހިންނަވަރު ވޯޓު ފޮށްޓަށެވެ. އެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ޖަމާލުއްދީން ސްކޫލްގަ އެވެ.
ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.





